ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅު ކޭސްތައް އަތޮޅުތެރޭގެ ރަށްތަކުގައި ބަހަން ފަށައި، ބައެއް ރަށްރަށުގައި ގޭގެއަށް ބަހައި ނިމިފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ދިނުމަށް ނިންމާފައިވާ ހަދިޔާއެކެވެ.
މި އަހަރު މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ ޖުމްލަ 118,673 ގޭބީސީއަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުގެ 61,755 ގޭބީސީއަކާއި، އަތޮޅުތެރޭގެ ރަށްތަކުން 56,918 ގޭބީސީއެކެވެ. މާލެ ސަރަހައްދުގައި މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މަސްދަޅު ބަހަން ފަށާފައިވާއިރު، މި ހަފްތާގެ ތެރޭގައި ވަނީ އަތޮޅުތެރޭގެ ރަށްރަށަށް މަސްދަޅު ކޭސްތައް ފޮނުވަން ފަށާފައެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، ރަށްރަށުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އަދި ބައެއް ރަށްރަށުގައި މިހާރުވެސް ގޭގެއަށް މަސްދަޅު ކޭސްތައް ބަހައި ނިމިފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ރަށްރަށުގައި މި ހަދިޔާ ދޫކުރަމުންދަނީ އެ ރަށެއްގެ ކައުންސިލް އިދާރާތައް މެދުވެރިކޮށެވެ.
މި އަހަރު ރޯދަ ހަދިޔާ ބެހުމަށް އެކުލަވައިލި ގޭބިސީ ލިސްޓުގައިވާ ގޮތުން، ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ އަދަދަކީ 56,918 އެވެ. އަދި މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރަމުންދަނީ ޑޮމެސްޓިކް ކަރަންޓު މީޓަރުގެ އަދަދަށް ބަލައިގެންނެވެ. އެގޮތުން މާލެ ސަރަހައްދުގެ 61,755 މީޓަރަށް މަސްދަޅު ކޭސް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. ރަށްރަށުގެ ކައުންސިލްތަކުން މިހާރު ދަނީ އެ ރަށްރަށުގެ ރައްޔިތުންނަށް ހަމަހަމަކަމާއެކު މި ހަދިޔާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

