2025 ވަނަ އަހަރުގެ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އަދި އޯލެވެލް އިމްތިހާން 8,000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ރަސްމީކޮށް ފަށައިފިއެވެ. މިއަދު ހެނދުނު 9:30 ގައި އިމްތިހާން ފަށާފައިވަނީ އެސްއެސްސީ އިމްތިހާނުގެ ދިވެހި މާއްދާގެ ފުރަތަމަ ޕޭޕަރުންނެވެ.
ތައުލީމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މި އިމްތިހާނުތަކުގައި ޖުމްލަ 8,216 ދަރިވަރުން ބައިވެރިވެއެވެ. މި އިމްތިހާނުތައް ކުރިއަށްދަނީ މުޅި ރާއްޖެ ހިމެނޭހެން ޖުމްލަ 267 ސެންޓަރެއްގައެވެ. މީގެ ތެރޭގައި މާލޭގެ 21 ސެންޓަރަކާއި، އަތޮޅުތެރޭގެ 246 ސެންޓަރެއް ހިމެނެއެވެ.
މިއަދު ފެށުނު އިމްތިހާނަކީ މިދިޔަ އަހަރު ގްރޭޑް 10 ނިންމި ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ އިމްތިހާނެކެވެ. މި އިމްތިހާނު މިއަދުން ފެށިގެން މާރިޗް މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ. މިހާރު ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންގެ އޯލެވެލް އިމްތިހާނު އޮންނާނީ މިއަހަރުގެ އޮކްޓޫބަރު ނުވަތަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލާއެކު، މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް އޯލެވެލް އިމްތިހާނުތައް ބާއްވަމުންދާނީ އޮކްޓޫބަރު/ނޮވެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް 2026 ވަނަ އަހަރުގެ ސެޝަނަށް ތައްޔާރުވާ ދަރިވަރުންނަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއީ) އިން ވަނީ ކުރިއަށް އޮތް ތާވަލުތައް އާންމުކޮށްފައެވެ..

