ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވައިލާ “މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޖެންޑަރ އެކްޝަން ޕްލޭން” އާ ގުޅޭގޮތުން ބޭއްވި މަސައްކަތު ބައްދަލުވުން 26 ޖަނަވަރީ 2026 ގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ވޯކްޝޮޕަކީ މިނިސްޓްރީ އޮފް ޓޫރިޒަމާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމީލީ ޑިވެލޮޕްމަންޓް ގުޅިގެން އިންތިޒާމުކުރި މުހިންމު ބައްދަލުވުމެކެވެ.
މި ބައްދަލުވުން އިފްތިތާޙުކޮށްދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް މިމްރާހު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުގައި މިންތީގެ ތަފާތުކުރުންތަކުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. ޚާއްޞަކޮށް ސިއްހީ ދާއިރާ، ބޯހިޔާވަހިކަން، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތައް އަދި ކާރިސާތަކުން ރައްކާތެރިވުމުގެ ދާއިރާގައި މިފަދަ ނޭދެވޭ އަސަރުތައް ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން އެކުލަވާލާފައިވާ ތިމާވެށީގެ ޕްލޭންތަކުގައި އަންހެނުންނަށް ދިމާވާ ޚާއްޞަ ގޮންޖެހުންތަކާއި އެމީހުންގެ ހުނަރުތަކަށް އެކަށީގެންވާ ސަމާލުކަމެއް ދެވިފައެއް ނުވެއެވެ. އެހެންކަމުން، މިހާރު ތައްޔާރުކުރާ މި އެކްޝަން ޕްލޭނަކީ މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކުގައި އަންހެނުންނާއި ފިރިހެނުންގެ ދައުރު ހަމަހަމަކޮށް ހިމެނުމަށް މަގުފަހިކޮށްދޭނެ، ރާއްޖޭގައި މިފަދަ ގޮތަކަށް އެކުލަވާލެވޭ ފުރަތަމަ ޕްލޭންކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ވޯކްޝޮޕްގައި ސަރުކާރުގެ އެކި ވުޒާރާތަކާއި، މަދަނީ ޖަމިއްޔާތަކުގެ އިތުރުން އދ. ގެ އިދާރާތަކުން ބައިވެރިވެފައިވެއެވެ. ބައިވެރިންގެ މެދުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނާޒުކު ހާލަތްތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، ޕްލޭން ހަރުދަނާކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ވަނީ ހިއްސާކޮށްފައެވެ.
މި އެކްޝަން ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދަނީ “ނެޕް ގްލޯބަލް ނެޓްވޯކް” ގެ ފަންނީ އެހީތެރިކަމާ އެކުގައެވެ. މި ޕްލޭންގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކަށް އިޖާބަދިނުމުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.

