ފެނުމުގެ ނިއުމަތް ގެއްލުމަކީ ދިރިއުޅުން އަނދިރިކަމުގެ ތެރެއަށް ވައްޓާލާ ކަމެކެވެ. ވަކިން ހާއްސަކޮށް، ފެނުމުގެ ނިއުމަތް ލިބިފައި ހުރުމަށްފަހު އެ ނިއުމަތް ބީވެގެންދިއުމަކީ އިންތިހާއަށް ވޭންދެނިވި އިހުސާސެކެވެ. އަމުދުން އާއިލާއެއްގެ ޒިންމާ އުފުލާ އަދި އެކަނި ގިނަ ވަގުތު ހޭދަކުރަންޖެހޭ އަންހެނަކަށް، މިފަދަ ހާލަތެއް މެދުވެރިވުމަކީ އޭނާގެ ދިރިއުޅުމަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމަކާއި ހިތްދަތިކަމެކެވެ.
އައްޑޫސިޓީ ހިތަދުއަށް އުފަން، މަރިޔަމް އަޝްފާ އަކީ މިދެންނެވި ހިތާމަވެރި ހިތްދަތި ހާލަތު ދިމާވެފައިވާ ކުޑަކުޑަ ދެކުދިންގެ މަންމައެކެވެ. ދިރިއުޅުމުގެ އެތައް އަޑިގުޑަންތަކެއް ހުރަސްކޮށް، އެއް ކައިވެނިން ލިބުނު ހިތިތަޖުރިބާއިން ސަލާމަތްވެގެން، ރަނގަޅު ފިރިއަކާއެކު ދިިރިއުޅެނެ ފެށިތާ އަދި މާގިނަ އަހަރުތަކެއް ނުވާނެއެވެ. އަނެއްކާވެސް ބޮޑު ތަކުލީފަކާ ކުރިމަތިލާން ޖެހުނީއެވެ.
"ކުރިންވެސް ލޮލަށް އުނދަގޫވެ ރިއްސާ، ދެން 2023 ގައި ޑޮކްޓަރަށް ދެއްކުމުން އެނގުނީ ލޮލުގެ ރެޓިނާގައި އުފެދޭ "ޓޮކްސޯޕްލާޒްމާ ސްކާރ" (Toxoplasma scar) ހެދިފައި ހުރިކަން. އޭގެ ފަހުން ފަރުވާވެސް ކުރެވިއްޖެ، ރާއްޖެއިންނާއި ޓްރިވެންޑްރަމުންވެސް ފަރުވާ ކުރެވިއްޖެ. އެކަމަކު ރަނގަޅެއް ނުވި، ޑޮކްޓަރުން ރިފަރ ކޮށްފައި ވަނީ އިންޑިޔާގެ މަދުރާއަށް ދިއުމަށް.
މަދޫރާއީއަށް އާދެވިއްޖެ، އެކަމަކު ޑޮކްޓަރު ބެއްލެވުމަށްފަހު ވިދާޅުވީ 3 މަސްދުވަހުގެ ފަރުވާއެއް ފެށުމަށް، ލޮލުގެ ސާޖަރީގެ ކުރިން ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން، 3 މަސް ފަހުންސާޖަރީ ކުރާނީ، 3 މަސް ވަންދެން ހުންނަން ޖެހޭ، ކޮންމެ މަހަކު ދެފަހަރު ޑޮކްޓަރަށް ދައްކަން ޖެހޭއިރު ރާއްޖެ ގޮސްފައި އައިސްފައި ހެދުމަކީ ފައިސާ ހުރި ފޯރުންތެރިބަޔަކަށް އެއްވެސް ކަމެއް ނޫނަސް އަޅުގަނޑުމެން ކަހަލަ އާދައިގެ ބަޔަކަށް އެއީ ހިތަށްވެސް ނުގެނެވޭވަރުގެ ބޮޑު ހަރަދެއް، އެހެންވެ ގަސްދުކުރީ މިތަނުގައި ހުރެގެން ފަރުވާ ހޯދުމަށް، ކިރިޔާވެސް ވަންޏާ ކުރާނީ، ނުވަންޏާ ދެން އެނބުރި ދާން ޖެހޭނީ، އެހެންވެއްޖެނަމަ އަލުން މިކޮޅަށް އައުމަށް އިތުރު ހަރަދު ކުރަން ޖެހުމުގެ އިތުރަށް ފަރުވާ މެދުކެނޑޭނީ، ދެން ފަރުވާ ކުރިއަށް ނުގެންދެވުމުން ޑޮކްޓަރުން އިންޒާރުދެއްވާފައި ވަނީ ލޮލުގެ ހާލަތު ވަރަށް ގޯސް ވެދާނެ ކަމަށް، ފަށާފައިވާ ފަރުވާ ހުއްޓާލުން ނުވަތަ މެދުކަނޑާލުމަކީ ލޮލަށް މާބޮޑަށްވެސް ގެއްލުން ވެދާނެ ކަމެއްކަން ޑޮކްޓަރުން ވަނީ ވިސްނައިދެއްވާފައި،
އެހެންވެ، މިހާތަނަށްވެސް އަޅުގަނޑަށާއި އަޅުގަނޑުގެ ދެކުދިންނަށް ހެޔޮއެދޭ ފަރާތްތަކުން ލިބުނު އެހީ އަށް ވަރަށްބޮޑަށް ހިތުގެ އަޑިން ޝުކުރު ދަންނަވަން، މިހާތަނަށް ވެސް ތިޔަ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު އާދެވުނު ގޮތަށް އަދިވެސް އަޅުގަނޑުމެން ތިންމައިންނަށް ތިއެންމެހާ ހެޔޮއެދޭ އަޚުންނާއި އުޚުތުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވޭ، ﷲ އަށްޓަކައި އަޅުގަނޑުގެ ލޮލުގެ ފަރުވާއަށް އެހީވެދެއްވުން އެދެން،"
ހުވަދޫ ނޫހަށް އަޝްފާ އޭނާގެ ހާލަތާއި ދިރިއުޅުމުގެ ވާހަކަތައް ކިޔައިދެމުން ދިޔައިރު އޭނާގެ ލޮލަށް ދިޔައީ ކަރުަ އެއްވަމުން އަޑު ދިޔައީ ބެދެމުންނެވެ،
އަޝްފާގެ ލޮލުގެ ފެނުމަށް އަސަރު ކުރަން ފެށިތާ މިހާރު ދެ އަހަރު ވެއްޖެއެވެ. އާއިލީ ވާރުތަކަމަކަށް ވެދާނެ ކަމުގެ ބިރުވެސް އަޝްފާއަށް އިހުސާސްކުރެވެއެވެ. ސަބަބަކީ އޭނާގެ މަންމައަށްވެސް ދިމާވީ މިފަދަ ގޮތެކެވެ، އަދި މިހާރު މަންމަގެ ލޮލަށް އެއްވެސް ވަރަކަށް ނުފެނެއެވެ.
އަޝްފާއަކީ ކުޑަ ދެ ކުދިންގެ މަންމައެކެވެ. ދުވަހަކަށްފަހު ދުވަހެއް އޭނާގެ ލޮލުގެ ފެނުން ދަނީ ފުސް ވަމުންނެވެ. ދުރު ވާވަރަކަށް ފުސްކަން ބޮޑުވަމުން ފެނުން ދުރުވަމުންނެވެ، އެއްްއިރެއްގައި ސާފުކޮށް ފެނުނު މަންޒަރުތައް މިއަދު ވަނީ ފުސްވެފައެވެ.
ކުދިންގެ މޫނު ސާފުކޮށް ނުފެނުމަށްވުރެ އަސަރުކުރާނެ ކަމެއް އޮންނާނެތޯއެވެ، ކުދިން ގޮވައިގެން އެކަނި އުޅޭ އަންހެނަކަށް މިއީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އަމުދުން ފަރުވާއަށް އާސަންދަ ލިބި އިންޑިއާގެ މަދުރާއަށް ފުރަން ޖެހުނުއިރު ފިރިމީހާވެސް ގާތުގައި ނެތެވެ. ފިރިމީހާގެ މަންމަގެ ހާލު ވަރަށް ދެރައެވެ. މަންމަ އޮތީ އެނދުމަތި ކުރެވިފައެވެ. އަދި މަންމައަށް އެހީވާނެ އިތުރު މީހަކު ނުވެސް ނެތެވެ. އެހެންކަމުން އަޝްފާ އޭނާގެ ފިރިމީހާއަށް މަންމަ ގާތުގައި މަޑުކުރުމަށް ހިތްވަރު ދިނެވެ.
"ކުދިން ގޮވައިގެން މަދުރާއަށް ދިއުމަށް ޓިކެޓް ނަގަން ޖެހުނީ އަމިއްލަ ހަރަދުގައި، އާސަންދަ އިން ލިބޭނީ ހަމައެނި ބާސްފަރުވާގެ އެހީ، ދެން މިހާ ކުޑަކުދިން ކޮންމެ ކޮންމެ މީހަކާ ހަވާލެއް ވެސް ނުކުރެވޭނެ، އާއިލާގައި އެހީވާނެ ބަަޔަކު ނެތް،"
މިހާރު އާސަންދައިންވެސް ވަނީ ދީފައިވާ ލިޔުމުގެ މުއްދަތު ހަމަވެފައި ކަމުން އަލުން ލިޔުން ހުށަހަޅައިގެން އެޔަށް ޖަވާބެއް ލިބުމާ ދެމެދު ވާނީ ކިހާ ދުވަހެއްކަމެއް ނޭނގެއެވެ. ކުދިން ގޮވައިގެން ހުރުމާއި ކެއުން އަދި ދަތުރުފަތުރުގެ ކަންކަމަށް އެހީ ބޭނުން ވާތީ، އަޝްފާގެ އާދޭހަކީ އޭނާގެ މިފަރުވާއަށް އެހީގެ އަތެއް ދިނުމެވެ.
"ދޮށީ ކުއްޖާގެ ބައްޕަގެ ފަރާތުން އެއްވެސް އެހީއެއް އެއްވެސް ކަމަކަށް އެއްވެސް އެހީއެއް ނުލިބޭ، ހާލަތު ދިމާވި ގޮތުން ހަގުދަރިފުޅުގެ ބައްޕައަށްވެސް މިވަގުތު އެކުގައި ދެވޭކަށްވެސް ނެތް، އެހެންވިޔަސް އެކަމާ އެއްވެސް ޝަކުވާއެއް ނެތް، އާއިލާގެ އެއްވެސް އެހީއެއް ނުލިބޭ. އެހެންކަމުން އަޅުގަނޑުގެ އާދޭހަކީ ހެޔޮއެދޭ ފަރާތްތަކުން އަޅުގަނޑުގެ ލޮލުގެ މިފަރުވާއަށް އެހީތެެރިވެދެއްވުން، ﷲއަށްޓަކައި އެހީތެރިވެދެއްވުން އެދި އާދޭސް ދަންނަވަން،"
"ދީލަތި އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަކީ އާއިލާއެއްގެ ދިރިއުޅުން އުޖާލާވެގެންދާނެ ކަމެކެވެ. އަޅުގަނޑުގެ ލޮލުގެ ފެނުން ސަލާމަތްކުރުމަކީ ހަމައެކަނި އަޅުގަނޑަށް ލިބޭނެ އުފަލެއް ނޫނެވެ. އެއީ އަޅުގަނޑުގެ ދެ ދަރިންގެ މުސްތަގުބަލަށްޓަކައިވެސް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެހެންކަމުން، މި ބަލިން ޝިފާ ހޯދުމަށް ކުރާ ދަތުރުގައި ތިޔަބޭފުޅުންގެ ދީލަތި އެހީތެރިކަމަށް އަޅުގަނޑު އާދޭހާއެކު އެދެމެވެ. ތިޔަބޭފުޅުން ދެއްވާ ކުޑަ މިންވަރަކީވެސް އަޅުގަނޑުގެ ދުނިޔެ އަލިވުމަށް ލިބޭނެ ބޮޑު ބާރެކެވެ."
(މިލިޔުމާއެކު ޑޮކްޓަރުގެ ލިޔުންތަކާއި އައިޑީކާޑުގެ ކޮޕީ އެޓޭޗް ކުރެވިފައިވާނެއެވެ)
ދީލަތިކަމާއެކު ދިއްކޮށްލާ އެންމެ އެހީގެ އަތަކުންވެސް ދިރިއުޅުންތަކެއް އުޖާލާކޮށް ލެވިދާނެއެވެ.
މަރްޔަމް އަޝްފާ / ފޯން: 7665740 (ވައިބަރ/ ވަޓްސްއަޕް)
ޑޮލަރު އެކައުންޓް: USD. 7730000813877
MARIYAM ASHFAA
ރުފިޔާ އެކައުންޓް: MVR. 7730000201923








