ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޒުވާނުންގެ ގޮފީގެ ހިންގާ ކޮމިޓީއަށް މެންބަރުން އިންތިޚާބުކޮށް، އެ ކޮމިޓީ އެކުލަވާލައިފިއެވެ. މިކަން އެ ޕާޓީން ވަނީ ރަސްމީކޮށް އިޢުލާނުކޮށްފައެވެ.
ކޮންގްރެސް ޕާޓީން ބުނި ގޮތުގައި، ޒުވާނުންގެ ގޮފީގެ ހިންގާ ކޮމިޓީއަށް އަލަށް އިންތިޚާބުވި ހުރިހާ މެންބަރުންނަށް ޕާޓީގެ ފަރާތުން ވަނީ މަރުހަބާ ކިޔާފައެވެ. މި ކޮމިޓީއަކީ ޕާޓީގެ ޒުވާނުންގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އެންމެ އިސް ދައުރެއް އަދާކުރާނެ ގޮފި ކަމަށް އެ ޕާޓީން ފާހަގަކުރެއެވެ.
ޒުވާނުންގެ ގޮފީގެ ހިންގާ ކޮމިޓީގެ ރައީސަކަށް ހޮވިވަޑައިގަތީ ހަނާން މުޙައްމަދު ރަޝީދު އެވެ. ހަނާން އަކީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
މި ކޮމިޓީ އެކުލެވިގެންވަނީ ރައީސްގެ އިތުރުން 13 މެންބަރުންގެ މައްޗަށެވެ. މީގެ ތެރޭގައި ހިމެނެނީ 8 ފިިރިހެން މެންބަރުންނާއި 5 އަންހެން މެންބަރުންނެވެ. މިއީ ޕާޓީގެ ހަރަކާތްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒުވާނުންގެ އަޑު އުފުލުމަށް އެކުލަވާލެވުނު ވަރުގަދަ ޓީމެއް ކަމަށް ޕީއެންސީން ބުނެއެވެ.
ޕީއެންސީގެ ޒުވާނުންގެ ގޮފީގެ އައު ހިންގާ ކޮމިޓީއާއެކު، ކުރިއަށް އޮތް ތަނުގައި ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި ޒުވާނުންގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.

