ކާބޯތަކެތީގެ ޚިދުމަތްދޭ ވިޔަފާރިތަކުން ނަގަމުން އަންނަ ފީތައް 50 އިންސައްތައަށް ސަރުކާރުން ކުޑަކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު އިޢުލާނެއްގައެވެ.
އެމްއެފްޑީއޭއިން ބުނި ގޮތުގައި، މި ބަދަލު ގެނެސްފައިވަނީ "ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓްރީކޮށް ލައިސަންސް ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގައި އިންތިޤާލީ އުޞޫލު" ގެ ދަށުންނެވެ. މި އުޞޫލުގެ ދަށުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީ ކުރުމުގައި އެ އޮތޯރިޓީން ނަގަމުންދާ ރަޖިސްޓްރޭޝަން ފީއާއި ކެޓަގަރީ ފީ ވަނީ ބައިކުޅަބަޔަށް ކުޑަކޮށްފައެވެ.
މި ނިންމުމަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މި ލުއިތައް ކުރިއަށް އޮތް 2 އަހަރު ދުވަހުގެ މުއްދަތަކަށް ދެމިގެންދާނެ ކަމަށްވެސް އެމްއެފްޑީއޭގެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަށް ފީގެ ލުއިތަކެއް ސަރުކާރުން ދިން ނަމަވެސް، އެތަންތަނުގެ ސާފުތާހިރުކަމާއި ޚިދުމަތުގެ ފެންވަރު ބެލުމުގެ މަސައްކަތް އެމްއެފްޑީއޭއިން އަންނަނީ ހަރުދަނާކަމާއެކު ކުރަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގައި ކުރިއަށްގެންދިޔަ ޚާއްޞަ އިންސްޕެކްޝަނެއްގައި 1,010 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ.
މި އިންސްޕެކްޝަންތަކުގެ ތެރެއިން އުޞޫލުތަކާ ޚިލާފަށް ހުރި 70 ތަނެއް މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އެ އޮތޯރިޓީން ވަނީ ބަންދުކޮށްފައެވެ. ސަރުކާރުގެ މި ނިންމުމަކީ ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް މާލީ ގޮތުން ލުޔެއް ދިނުމަށް ނިންމި ނިންމުމެކެވެ.

