ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން، އެ ފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް އައު ލޮޓް ނަންބަރުތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މި ގުރުއަތުލުން ކުރިއަށްދާނީ 31 ޖަނަވަރީ 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:30 ގައި ސޯޝަލް ސެންޓަރުގައެވެ.
މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ނެރުނު އިއުލާނެއްގައި ހާމަކުރި ގޮތުގައި، މި ބަދަލު ގެންނަން ޖެހުނީ ކުރީގެ ޕްލޭންގައި 610 ގޯތި މަދުވާތީ، ޖުމްލަ 4,072 ގޯތި ހިމެނޭހެން އައު ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލުމާ ގުޅިގެންނެވެ. އައު ޕްލޭންގެ ދަށުން 1,250 އަކަފޫޓުން ފެށިގެން 2,450 އަކަފޫޓާ ދެމެދުގެ އެކި ސައިޒުގެ ގޯތިތައް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
އައު ލޭންޑް ޔޫސް ޕްލޭންގެ ދަށުން ދޫކުރާ ގޯތިތަކުގެ ތަފްސީލަކީ: 1,250 އަކަފޫޓުގެ 2,603 ގޯތި، 1,650 އަކަފޫޓުގެ 1,214 ގޯތި، 2,050 އަކަފޫޓުގެ 254 ގޯތި އަދި 2,450 އަކަފޫޓުގެ 1 ގޯތި އެވެ. މި ބަދަލާ ގުޅިގެން ކުރިން ކަނޑައެޅިފައިވާ ބިމުގެ ސަރަޙައްދުތަކަށް ބަދަލު އައިސް، އައު ލޮޓް ނަންބަރުތަކެއް ވަނީ ކަނޑައެޅިފައެވެ.
ގުރުއަތުލުމުގެ ކަންކަން ކުރިއަށްދާނީ އެ ވުޒާރާގެ މުވައްޒަފުންގެ ބެލުމުގެ ދަށުންނެވެ. ގޯތީގެ ވެރިފަރާތަށް ނުވަތަ ބަދަލުގައި ފޮނުވާ ފަރާތަކަށް ގުރުއަތުލާ ސަރަޙައްދަށް ވަދެވޭނެއެވެ. ގުރުއަތުލުން ކުރިއަށްދާއިރު، ލިބޭ ޕްލޮޓްގެ މަޢުލޫމާތު ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އަދި އެސް.އެމް.އެސް މެދުވެރިކޮށް ވަގުތުން އެނގޭނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ. މީގެ އިތުރުން މި އިވެންޓް ޕީއެސްއެމްއިން ވަގުތުން ދައްކާނެއެވެ.
ގުރުއަތުލުން ނިމުމުން ގޯތީގެ އެއްބަސްވުމުގައި ސޮއިކުރުމާއި ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތް ފަހުން އިޢުލާން ކުރެވޭނެއެވެ. ގިރާވަރުފަޅަކީ މާލެ ސަރަހައްދުގައި ހިއްކާ ބިންތަކުގެ ތެރެއިން އެންމެ އަވަހަށް ނިމޭނެ ތަން ކަމަށް ސަރުކާރުން ވިދާޅުވެފައިވާއިރު، އެ ފަޅުން ޖުމްލަ 160 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

