މާލެ އަތޮޅު ތިލަފުށިން ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 24 އަހަރުގެ އަމީން މިއާ ކަމަށެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މިހާތަނަށް ބެލި ބެލުމުން އަމީން މިއާ މަރުވުމުގެ ހާދިސާ ހިނގާފައިވަނީ 2026 ޖެނުއަރީ 26 ވީ ހޯމަ ދުވަހުއެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ، 28 ޖެނުއަރީ 2026 ގައެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން އިތުރަށް ބުނީ، މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން ހާމަކުރެވެން ހުރި މައުލޫމާތުތައް ހިއްސާކުރަމުންދާނެ ކަމަށެވެ. އަމީން މިއާ މަރުވާން ދިމާވި ސަބަބާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

