ހއ. ބާރަށާއި ށ. ފުނަދޫގައި ޓޫރިސްޓް ހޮޓާ ތަރައްޤީކޮށް ހިންގާނެ ފަރާތްތަކެއް ހޯދުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލައިފިއެވެ. މި ދެ ރަށުގައިވެސް ހޮޓާ ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުން ކަނޑައަޅާފައިވާ ވަކި ބިންތަކެއްގައެވެ.
ބާރަށުގައި 71,832 އަކަމީޓަރުގެ ބިމެއް އަދި ފުނަދޫގައި 3 ހެކްޓަރުގެ ބިމެއް މި މަޝްރޫޢަށް ވަނީ ކަނޑައަޅާފައެވެ. މި ދެ ރަށުގައިވެސް ތަރައްޤީކުރަން ޖެހެނީ މަދުވެގެން 50 ކޮޓަރީގެ ހޮޓަލެއް ކަމަށާއި، މި ބިންތައް ދޫކުރަނީ 50 އަހަރުގެ މުއްދަތަކަށް ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 24 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ.
ބީލަމާ ގުޅޭ ލިޔެކިޔުންތައް އަންނަ މަހުގެ 1 އިން މާރިޗު 30 އާ ހަމައަށް ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މާރިޗު މަހުގެ 31 ވަނަ ދުވަހެވެ. މި މަޝްރޫޢުތަކަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށްވެސް ހުޅުވާލެވިފައިވާ ފުރުޞަތުތަކެކެވެ.
ބާރަށުގައި މިފަދަ މަޝްރޫޢެއް ކުރިއަށް މިގެންދަނީ، އެ ރަށުގައި އީކޯ ޓޫއަރިޒަމްގެ ބިޔަ މަޝްރޫޢެއް ހިންގަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުންނެވެ.

