ތ. ވިލުފުށީގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތުގެ 80 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. މި މަޝްރޫޢަކީ އެ ރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 81 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ވަނީ 65 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައެވެ. ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މި މަސައްކަތް ކުރިއަށްދަނީ 11,300 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި "ފިލިއްޕޯ ބްރޫނެލްޝީ" ނަމަކަށް ކިޔާ ޑްރެޖަރެއް ބޭނުންކޮށްގެންނެވެ.
ވިލުފުށީގައި ތަރައްޤީކުރާ މި އެއަރޕޯޓަކީ 1800 މީޓަރުގެ ދިގު ރަންވޭއަކާއެކު ހަދާ އެއަރޕޯޓެކެވެ. މި މަޝްރޫޢުގެ ދަށުން ރަންވޭގެ އިތުރުން، ޓާމިނަލް ބިލްޑިންގާއި، ފަޔަރ ބިލްޑިންގް އަދި އެއަރޕޯޓަކަށް ބޭނުންވާނެ އެހެނިހެން ހުރިހާ ވަސީލަތްތަކެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢު އެމްއޭސީއެލްއާ ހަވާލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވިލުފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމުމަށް ކަނޑައަޅާފައިވަނީ 2 އަހަރާއި 6 މަސް ދުވަހުގެ ތެރޭގައެވެ.
އެމްއޭސީއެލްއިން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު މަސައްކަތް ކުރިއަށްދަނީ ތާވަލާ އެއްގޮތަށެވެ. މި އެއަރޕޯޓް ނިމުމުން ތ. އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބި، އިޤްތިޞާދީ ގޮތުން އެ ސަރަޙައްދަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

