މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ރަމަޟާންމަހާ ދިމާކޮށް، ސަރުކާރުން ރޯދަ ހަދިޔާއެއްގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން، މާލެ ސަރަޙައްދުގައި ބަހަން ފެށި ފުރަތަމަ 5 ދުވަހުގެ ތެރޭގައި 19,000 އަށްވުރެ ގިނަ ކޭސް ދޫކޮށްފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ މިނިސްޓްރީން ހާމަކޮށްފިއެވެ.
މާލޭގައި ރޯދަ ހަދިޔާ ބަހަން ފެށި ފަހުން މިވީ 5 ދުވަހުގެ ތެރޭގައި 19,468 މަސްދަޅު ކޭސް ވަނީ ބަހާފައެވެ.
މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްދަނީ ކޮންމެ ރެއަކު 20:30 އިން 23:00 އަށް، މި މަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ.
ރޯދަހަދިޔާ ބެހުމުގައި ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓްރީގެ އިތުރުން، ކައުންސިލްތަކާއި އެމް.އެން.ޑީ.އެފް އަދި އެކި އިދާރާތަކުން ބައިވެރިވެއެވެ. ރަށްރަށުގައި ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްދާނީ އެ ރަށެއްގެ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.
މި އަހަރުގެ ރޯދަ ހަދިޔާ ބެހުމަށް އެކުލަވައިލި ލިސްޓުގައިވާ ގޮތުން ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ ޢަދަދަކީ 56,918 އެވެ.
މުޅި ރާއްޖޭގައި ޖުމުލަ 118,673 މަސްދަޅު ކޭސް ބެހުމަށް ވަނީ ހަމަޖެހިފައެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ މިނިސްޓަރު ވަނީ މި މަސައްކަތުގައި އަމަލީގޮތުން އުޅުއްވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ސަރުކާރުގެ އަމާޒަކީ ރޯދަ މަސް ފެށުމުގެ ކުރިން ހުރިހާ ގޭބިސީތަކަށް މި ހަދިޔާ ފޯރުކޮށްދިނުމެވެ. މިއީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްދާ ކަމެކެވެ.

