ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑުން ބޭންކިންގ ވިޔަފާރި ފެށުމަށްޓަކައި ބޭނުންވާ ހުއްދަ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 28 ޖަނަވަރީ 2026 އިން ފެށިގެން ދޫކޮށްފިއެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.
ދިވެހިރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވުމަށް ބޭނުންވާ ބޭންކިންގ ލައިސަންސް އެމްއެމްއޭ އިން ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އަށް ދޫކޮށްފައިވަނީ 13 އޮކްޓޫބަރު 2024 ގައެވެ. ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑަކީ ސައްތައިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ބޭންކެކެވެ.
އެމްއެމްއޭ އިން ހާމަކުރި ގޮތުގައި، މި ބޭންކުގެ ޚިދުމަތް ފެށުމުން ދިގުމުއްދަތުގެ މާލީ އެހީތެރިކަން ހޯދުމަށް މަގުފަހިވެ، ރާއްޖޭގެ އިޤްތިޞާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. މީގެ އިތުރުން މިއީ ރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމުގައިވެސް އެ އޮތޯރިޓީން ފާހަގަކުރެއެވެ.
ޑިވެލޮޕްމަންޓް ބޭންކެއްގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ދިގުމުއްދަތުގެ ފައިނޭންސް ފޯރުކޮށްދިނުމާއި، އިޤްތިޞާދީ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމެވެ. މި ބޭންކުގެ މަސައްކަތްތައް ރަސްމީކޮށް ފެށުމާއެކު ރާއްޖޭގެ ބޭންކިންގ ނިޒާމަށް އާ އިންގިލާބެއް އަންނާނެ ކަމަށް ބެލެވެއެވެ.

