މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި އިސްމާއިލް ސާޖިދު، ޖިންސީ ފުރައްސާރައިގެ ތުހުމަތެއް ސާބިތުވުމާ ގުޅިގެން މިއަދު މަގާމުން ވަކިކޮށްފިއެވެ.
މި މައްސަލަ ތަހުގީގުކޮށްފައިވަނީ އެމްއެމްއޭގައި އުފައްދާފައިވާ ޖިންސީ ފުރައްސާރަ ހުއްޓުވުމާ ބެހޭ ކޮމިޓީންނެވެ. އެ ކޮމިޓީން މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ ސާޖިދުގެ މައްޗަށް ކުރެވުނު ތުހުމަތުތައް ސާބިތުވާ ކަމަށެވެ. އެހެންކަމުން، ކޮމިޓީގެ ލަފާގެ މަތިން އޭނާ ވަޒީފާއިން ވަކިކުރުމަށް މަރުކަޒީ ބޭންކުން ވަނީ ނިންމާފައެވެ.
މީގެ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުކަންވެސް ކުރައްވާފައިވާ ސާޖިދު މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެފްއައިޔޫގެ ވެރިޔާގެ މަގާމަށް އައްޔަންކުރި ނަމަވެސް، ޖިންސީ ފުރައްސާރައިގެ މައްސަލަ ހުށަހެޅުމާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން އޭނާ ހުންނެވީ ސަސްޕެންޝަނުގައެވެ.
އެފްއައިޔޫއަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގައި އުފައްދާފައިވާ ޔުނިޓެކެވެ.
މި ޔުނިޓުގެ މައިގަނޑު މަސައްކަތަކީ ރާއްޖޭގެ މާލީ މުއާމަލާތްތައް މޮނިޓާ ކުރުމެވެ. މި ޔުނިޓުގެ އިސްވެރިޔާ އައްޔަންކުރުމާއި ވަކިކުރުމުގެ ފުރިހަމަ ބާރު ލިބިގެންވަނީ މަރުކަޒީ ބޭންކުގެ ގަވަނަރަށެވެ.

