މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ “މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް” ގެ އިތުރު ކޮންފަރެންސް ޕާޓްނަރުންނާއެކު މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި މި ކޮންފަރެންސްގެ ހަތަރު ޕާޓްނަރަކާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ދަށުން ލޮޖިސްޓިކްސް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމް.އެސް.އެސް) އެވެ. ބްރޯޑްކާސްޓިންގ ޕާޓްނަރަކަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ހަމަޖައްސާފައިވާއިރު، ހޯސްޓިންގ ޕާޓްނަރަކީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ އެވެ. އަދި މެގަޒިން ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ މޯލްޑިވްސް މެރިޓައިމް ޖާރނަލް (އެމް.އެމް.ޖޭ) އެވެ.
މި ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީ.އީ.އޯ ޑީ.ސީ.ޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާނެވެ. އެމް.އެސް.އެސްގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ސޮއިކުރެއްވިއިރު، ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބެވެ. ވިލާ ޝިޕިންގގެ ފަރާތުން ސީ.އޯ.އޯ މުއާވިޔަތު އުމަރު އަދި އެމް.އެމް.ޖޭގެ ފަރާތުން ކެޕްޓަން މުޙައްމަދު ނާޒިމް ވަނީ ސޮއިކުރައްވާފައެވެ.
މިއީ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް ބާއްވާ ދެވަނަ އަހަރެވެ. މި އަހަރުގެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ. މި ކޮންފަރެންސަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަރުން ބައްދަލުކޮށް، ދާއިރާގެ ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ބާއްވާ މުހިންމު ބައިނަލްއަޤްވާމީ ހަރަކާތެކެވެ.
މި ކޮންފަރެންސްގެ އެހެނިހެން ޕާޓްނަރުންގެ ގޮތުގައި މޯލްޑިވްސް ކޯސްޓް ގާޑް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް، އަންކްޓަޑް، އަދި އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕޯޓްސް އެންޑް ހާރބަސް ހިމެނެއެވެ. މީގެ އިތުރުން ސެކިއުރިޓީ ޕާޓްނަރަކަށް މޯލްޑިވްސް ޕޮލިސް ސާރވިސް އަދި އެކެޑަމިކް ޕާޓްނަރަކަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީ ވަނީ ކުރިން ހަމަޖައްސާފައެވެ.

