ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގެ ތެރެއިން 5 ވަނަ ޓަވަރުގައި ރޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ އިމާރާތުގެ މައި ފާހާނާ ހޮޅިއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
މި ހާދިސާއާ ގުޅިގެން އެންޑީއެމްއޭ އިން ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައިވަނީ، ހިޔާ ޓަވަރު 5 ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އޮތޯރިޓީގެ ޓީމުތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އަލިފާނުގެ ސަބަބުން އިމާރާތުގެ މައި ފާހާނާ ހޮޅިއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.
އިންސިޑެންޓް ކޮމާންޑަރާ ހަވާލާދީ އެންޑީއެމްއޭ އިން އިތުރަށް ބުނެފައިވަނީ، މައި ފާހާނާ ހޮޅިއަށް ގެއްލުން ލިބުމުގެ ސަބަބުން އެ ޓަވަރުގެ ބައެއް އެޕާޓްމަންޓްތަކުގެ ފާހާނާ މިވަގުތު ބޭނުން ނުކުރެވޭ ކަމަށެވެ.
މި ހާދިސާގައި ލިބުނު ގެއްލުންތައް ދެނެގަތުމަށާއި، ވީ އެންމެ އަވަހަކަށް މަރާމާތުގެ މަސައްކަތްތައް ނިންމުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމް.އެން.ޑީ.އެފް، ދިވެހި ފުލުހުންގެ ހިދުމަތް، އެޗް.ޑީ.ސީ، އެމްޑަބްލިޔުއެސްސީ އަދި ސްޓެލްކޯގެ ޓީމުތަކުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ފަށާފައެވެ.

