ފުވައްމުލައް ސިޓީގައި މަސްތުވާތަކެއްޗާއި ބަނގުރަލާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގެ ތެރެއިން، ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ތަކެތި ހޯދާފައިވަނީ މި ހިނގާ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު ފުވައްމުލައް ސިޓީ ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނަކީ އެ ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިއާއި ބަނގުރާ އުފެއްދުން ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
މި އޮޕަރޭޝަންގައި ފުވައްމުލައް ސިޓީގެ އެކި ސަރަހައްދުތަކުގެ ވަލުތެރެ ބަލައިފާސްކޮށްފައިވެއެވެ. މިގޮތުން ވަލުތެރެ ބަލައިފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ ދިޔާ އެއްޗެއް ހުރި ފުޅިތަކަކާއި، ގިނަ އަދަދެއްގެ ހަންތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން ބަނގުރާ ކެއްކުމަށާއި އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ އެކި ބާވަތުގެ ސާމާނު ވެސް އެ ސަރަހައްދުތަކުން ފެނިގެން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ނަމަވެސް، މި ތަކެތި ފެނުނު ސަރަހައްދުތަކާއި މިކަމުގައި ޝާމިލުވާ ފަރާތްތައް ހޯދުމަށް ފުވައްމުލައް ސިޓީ ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ސަގާފަތާއި އުސޫލުތަކާ ޚިލާފަށް ހިންގާ މިފަދަ ނޭދެވޭ އަމަލުތައް ހުއްޓުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއްދޭ ކަމެކެވެ. މިގޮތުން ރަށްރަށުގެ އަމާންކަން ގާއިމުކުރުމަށް ފުލުހުން އަންނަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.

