ދުނިޔޭގެ ބޭންކު (ވޯލްޑް ބޭންކު) ގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ “އެސްޕަޔަރ” (ASPIRE) އަދި “އަރައިޒް” (ARISE) މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި ގާއިމުކޮށްފައިވާ ސޯލާ ޕީވީ ނިޒާމުތައް ބަލައިލުމަށް އެ ބޭންކުގެ މަތީ ފަންތީގެ ވަފުދެއް މި ހަފުތާގައި އެ ދެ ސިޓީއަށް ޒިޔާރަތްކޮށްފިއެވެ.
މި ޒިޔާރަތަކީ ވޯލްޑް ބޭންކުގެ އެހީގައި ހިންގާ މަޝްރޫއުތަކުގެ ތިމާވެށީގެ އަދި އިޖުތިމާއީ ކަންކަން ތަންފީޒުވަމުންދާ މިންވަރު ބަލައި، އެކަންކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ “އެންވަޔަރަންމަންޓް އެންޑް ސޯޝަލް އިމްޕްލިމެންޓޭޝަން ސަޕޯޓް” މިޝަންގެ ބައެކެވެ. މި ވަފުދުގައި އިސްކޮށް ހުންނެވީ ވޯލްޑް ބޭންކުގެ ސައުތު އޭޝިއާ ރީޖަންގެ އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް ސްޓޭންޑަރޑްސް ޕްރެކްޓިސް މެނޭޖަރު ޖަންމޭޖޭ ސިންގް އެވެ.
މި ދަތުރުގައި ވަފުދުގެ ބޭފުޅުން ވަނީ އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ 3 މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމާއި، ފުވައްމުލަކު ސިޓީގައި ގާއިމުކޮށްފައިވާ 2 މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ތަފްސީލީ ގޮތެއްގައި ބައްލަވާލައްވާފައެވެ. މީގެ އިތުރުން، ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (BESS) އަދި ކަރަންޓު ވިއުގަ (Grid) އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ހިނގަމުންދާ ސައިޓުތަކަށްވެސް ވަފުދުން ޒިޔާރަތްކުރިއެވެ.
ވަފުދުގެ މެންބަރުން ވަނީ އެ ސައިޓުތަކުގައި އަމަލީ މަސައްކަތުގައި އުޅޭ ޓީމުތަކާ ބައްދަލުކޮށް، މަސައްކަތުގެ ފެންވަރާއި ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މި މަޝްރޫއުތަކަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ހަރުދަނާކޮށް، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.
މި ދަތުރުގެ ތެރެއިން ވޯލްޑް ބޭންކުގެ ވަފުދުން ވަނީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، މިހާރު ކުރިއަށްދާ ބެޓަރީ ސްޓޯރޭޖް ސިސްޓަމާއި، ގްރިޑް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން މޭޔަރުގެ ފީޑްބެކް ހޯއްދަވައި، މަޝްރޫއުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ކުރާނެ ފައިދާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ.
ވޯލްޑް ބޭންކުގެ މި ޒިޔާރަތަކީ ރާއްޖޭގައި ހިންގާ ތިމާވެއްޓާ ރައްޓެހި ހަކަތައިގެ މަޝްރޫއުތައް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

