ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު މާދަމާރޭގެ ނިޔަލަށް ހަމަވާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން މި ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ކެންޑިޑޭޓުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ފޯމު ބަލައިގަންނަ ވަގުތު މިހާރު ވަނީ ހެނދުނު 8:30 އިން ހަވީރު 5:30 އަށް އިތުރުކޮށްފައެވެ.
ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅާއިރު ބައެއް ފަރާތްތަކުގެ ކެންޑިޑެސީ ގަބޫލުނުކުރެވޭ މައްސަލަތަކެއް ކުރިމަތިވަމުންދާކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރޭގައި ކުށާއި ދަރަނީގެ ރެކޯޑުތައް ފުރިހަމައަށް ހުށަނޭޅުމާއި، ކަރެކްޝަނަލް ސަރވިސްގެ ރެކޯޑުތައް މަދުވުން ހިމެނެއެވެ. އެހެންކަމުން ފޯމު ހުށަހަޅާއިރު ހުރިހާ ލިޔެކިޔުންތަކެއް ހަމައަށް ހުރިތޯ ބެލުމަށް ކޮމިޝަނުން އިލްތިމާސްކުރެއެވެ.
އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިތުރުން އަންހެނުންގެ ކޮމިޓީތަކަށް ގިނަ އަދަދެއްގެ މެންބަރުން އިންތިޚާބު ކުރާނެއެވެ. މި އިންތިޚާބުގައި ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

