ބ. މާޅޮހުގައި ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށްޓަކައި، ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫއަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން މާޅޮހުގައި 396 ކިލޯވޮޓް ޕީކްގެ ސޯލާ ފޮޓޯވޮލްޓައިކް ނިޒާމަކާއި 716 ކިލޯވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ނިޒާމުގެ ސަބަބުން ރަށުގެ ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަވެ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަވެގެންދާނެއެވެ.
މި ނިޒާމު ރަސްމީކޮށް ބޭނުންކުރަން ފެށުމުން، މާޅޮހުގައި ކަރަންޓު އުފެއްދުމަށް އަހަރަކު ބޭނުންކުރާ ޑީސަލްގެ ތެރެއިން 185,837 ލިޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން، ޖައްވަށް ބޭރުކުރާ ކާބަން ޑައިއޮކްސައިޑްގެ މިންވަރުން އަހަރަކު 455 ޓަނު މަދުވެގެންދާނެ ކަމަށްވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަކަތައިގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. ރައީސްގެ އަމާޒަކީ 2028 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖޭގެ ކަރަންޓުގެ ބޭނުންތަކުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ.
މިފަދަ ހައިބްރިޑް ނިޒާމުތައް ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމުކުރުމަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިގްތިސާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމެކެވެ.

