މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ބްލަޑް ސާވިސް ގުޅިގެން ލޭ ހަދިޔާކުރުމުގެ ހާއްސަ ކޭމްޕެއް މިއަދު ފަށައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާޕޯޓް ރެކްރިއޭޝަން ސެންޓަރު (އޭއާރުސީ) ގައި ކުރިއަށްދާ މި ހަރަކާތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެމްއޭސީއެލްގެ ސީސީއޯ މުހައްމަދު މިހާދުއެވެ.
މިއަދާއި މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ މި ކޭމްޕުގެ މިއަދުގެ ސެޝަން ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ.
ކޮންމެ އަހަރަކުވެސް އެމްއޭސީއެލްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބާއްވާ މި ޕްރޮގްރާމް މިއަހަރު ވަނީ ކުރީ އަހަރުތަކާ ހިލާފަށް ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އެގޮތުން އެމްއޭސީއެލްގެ މުވައްޒަފުންގެ އިތުރުން އެއާޕޯޓުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކާއި، އެކި މުއައްސަސާތަކާއި، ކުންފުނިތަކުގެ އިތުރުން ރިސޯޓްތަކުގެ މުވައްޒަފުންނަށް ވެސް މިހާރު ވަނީ ލޭ ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.
މި ޕްރޮގްރާމް ފުޅާކުރުމުގެ މައިގަނޑު މަގުސަދަކީ، މިހާރު ލޭ ލިބުން ދަތިވެފައިވާތީ މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އިން އާންމުންގެ އެހީތެރިކަމަށް އެދިފައިވާތީ އެކަމަށް އިޖާބަދިނުމެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަހަކީ އާންމުކޮށް ލޭ ލިބުމުގައި ދަތިތަކާ ކުރިމަތިވާ ދުވަސްވަރަކަށް ވާތީ، އެކަމަށް ދުރާލައި ތައްޔާރުވުމުގެ ގޮތުން ލޭގެ ސްޓޮކް އިތުރުކުރުމަކީ ވެސް މި ކޭމްޕުގެ މުހިންމު ބޭނުމެކެވެ.
ލޭ ހަދިޔާކުރުމުގެ މި ކޭމްޕަކީ އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން، ހާއްސަކޮށް ތެލެސީމިއާ ކުދިންނަށް އެހީތެރިވުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވެ ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އޮންލައިން ލިންކެއް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
ލޭ ލިބުމުގެ ދަތިކަން ހައްލުކުރުމަށް އެކި މުއައްސަސާތަކުން މަސައްކަތް ކުރަމުންދާއިރު، މިދިޔަ ހަފުތާގައި އެޗްޑީސީން ވެސް ވަނީ ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ކުރިއަށް ގެންގޮސްފައެވެ.

