ރާއްޖެއަށް ގަސްގަހާގެއްސާއި ޖަނަވާރުގެ ބާވަތްތައް އެތެރެކުރުމުގެ ކަންކަން މިހާރަށްވުރެ ފަސޭހަކުރުމާ ގުޅޭގޮތުން މޯލްޑިވްސް ކަސްޓަމްސް އިން އިސްނަގައިގެން މިއަދު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ފޯރަމްގައި ކަސްޓަމްސްގެ އިތުރުން ބަނދަރުތަކުގެ އިދާރާތަކާއި، ކްލިއަރިން އެޖެންޓުންނާއި، ބްރޯކަރުން އަދި މުދާ އެތެރެކޮށް ބޭރުކުރުމުގެ ހުއްދަ ދޫކުރާ ސަރުކާރުގެ އެކި އިދާރާތަކުން 60 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވިއެވެ.
މި ފޯރަމްގެ މައިގަނޑު މަގްސަދަކީ މުދާ އިމްޕޯޓް އަދި އެކްސްޕޯޓް ކުރުމުގެ މަރުހަލާގައި ވިޔަފާރިވެރިންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމެވެ. މިގޮތުން ގަސްގަހާގެއްސާއި ޖަނަވާރު އެތެރެކުރުމުގެ އުސޫލުތައް ހަރުދަނާކުރުމުގެ އިތުރުން، އިމާރާތްކުރުމުގެ ސާމާނު އެތެރެކުރުމަށް ހުއްދަދޭ އުސޫލުތައް ލުއިފަސޭހަކުރުމާ ގުޅޭގޮތުން މުދާ އިމްޕޯޓް އަދި އެކްސްޕޯޓްކުރާ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މީގެ އިތުރުން، ކެމިކަލްގެ ބާވަތްތަކަށް ހުއްދަ ހޯދުމާއި، ކާބޯތަކެއްޗާއި ބޭސް ކްލިއަރކުރުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ބައިވެރިން ވާހަކަދެއްކެވިއެވެ. މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި މިހާރުން މިހާރަށް އެޅެންހުރި ފިޔަވަޅުތަކުގެ އިތުރުން، މެދުރާސްތާ އަދި ދިގުރާސްތާގައި ގެނެވިދާނެ ހައްލުތަކަކީ ކޮބައިތޯ ބަލައި، އެކަންކަމާ ގުޅޭ ޕްލޭންތަކެއް ވަނީ އެކުލަވާލާފައެވެ.
ކަސްޓަމްސް އިން ހާމަކޮށްފައިވާ ގޮތުގައި، މި ފޯރަމްގައި ނިންމާފައިވާ ކަންކަން ކަމާގުޅުންހުރި އިދާރާތަކާ ހިއްސާކޮށް، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް އެ މަސައްކަތްތައް ތަންފީޒުކުރަން ފަށާނެއެވެ. މިއީ ރާއްޖެއަށް އެތެރެކުރާ މުދަލުގެ މިންވަރު އިތުރުވަމުންދާ ދިއުމާ ގުޅިގެން، ބަނދަރުތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.
މި މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދަކީ މުދާ ކްލިއަރ ކުރުމުގެ މަރުޙަލާތައް މިހާރަށްވުރެ ހަލުވިކޮށް، ވިޔަފާރިވެރިންނަށާއި އާންމުންނަށް ދޭ ޚިދުމަތުގެ ފެންވަރު ދުވަހުން ދުވަހަށް ރަނގަޅުކޮށް، ވިޔަފާރިތަކަށް ލުއިފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމެވެ.

