ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްގެ ފަސް ވަނަ ޓަވަރުގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެ ޓަވަރުގެ 38 އެޕާޓްމަންޓެއްގެ ނަރުދަމާ ހޮޅިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ އިރުއޮއްސުނުއިރު، ހިޔާ ޓަވަރު 5 ގެ 24 ވަނަ ބުރީގެ އެޕާޓްމަންޓެއްގައެވެ.
އެންޑީއެމްއޭއިން މިއަދު މީޑިއާއާ ހިއްސާކުރި ތަފްސީލުތަކުގައިވާ ގޮތުން، މި ހާދިސާއާ ގުޅިގެން އެހީތެރިކަން ބޭނުންވެގެން ރިޕޯޓުކޮށްފައިވާ 18 އެޕާޓްމަންޓެއްގައި ދިރިއުޅޭ 85 ފަރާތަކަށް އެ އޮތޯރިޓީން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ ތެރެއިން އެންމެ ބޮޑަށް އަސަރުކުރި ހަތް އެޕާޓްމަންޓެއްގައި ދިރިއުޅޭ 37 މީހަކަށް އެންޑީއެމްއޭއިން ވަނީ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ.
މި ހާދިސާއާ ގުޅޭގޮތުން އެންޑީއެމްއޭއިން ބުނީ، “ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ހިޔާޓަވަރުގެ 5 ވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި 5 ވަނަ ޓަވަރުގެ 38 އެޕާޓްމަންޓުގެ ނަރުދަމާ ހޮޅިތަކަށް ވަނީ ގެއްލުންވެފައެވެ. އެގޮތުން މިހާތަނަށް އެހީތެރިކަން ބޭނުންވެގެން ރިޕޯޓުކޮށްފައިވާ 18 އެޕާޓްމަންޓްގައި ދިރިއުޅޭ 85 ފަރާތަކަށް އެންޑީއެމްއޭއިން ވަނީ ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސުމަށާއި ކެއުން ބުއިމަށް އެހީ ފޯރުކޮށްދީފައި،” ކަމަށެވެ.
ނަރުދަމާ ހޮޅިތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ގިނަ އެޕާޓްމަންޓްތަކެއްގެ ނަރުދަމާ ނިޒާމު ބޭނުންކުރުމުގައި މިހާރު ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. އެންޑީއެމްއޭއިން ބުނި ގޮތުގައި، މި ގެއްލުންތައް ދެނެގަނެ، މަރާމާތުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ދަނީ ކުރަމުންނެވެ.
އެޗްޑީސީން ދަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން ނަރުދަމާ ނިޒާމުގެ މަރާމާތުތައް ވީހާވެސް އަވަހަކަށް ނިންމުމަށް މަސައްކަތް ކުރަމުންނެވެ. އަދި މި ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ތަހުގީގެއް ކުރިއަށް ގެންދަމުންނެވެ.

