މި ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު އެއް އޮންޓަޕްރިނިއަރޝިފް ފެސްޓިވަލް ކަމަށްވާ ޝާރުޖާ އޮންޓަޕްރިނިއަރޝިޕް ފެސްޓިވަލް (އެސް.އީ.އެފް) 2026 ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޝާރުޖާގައި، ޖެނުއަރީ 31 އިން ފެބްރުއަރީ 1 އަށް ކުރިއަށްދާ މި ފެސްޓިވަލްގައި ރާއްޖެ ތަމްސީލްކުރާ ވަފުދުގައި އިސްކޮށް ހަރަކާތްތެރިވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިންނެވެ.
މި ފެސްޓިވަލްގައި ބީސީސީ މެދުވެރިކޮށް ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގައި ފާހަގަކޮށްލެވޭ ތިން ވިޔަފާރިއަކުން ދަނީ ބައިވެރިވަމުންނެވެ. އެއީ ޕައި ނެޓްވޯކްސް، ޖަވާބު އަދި އީޒެޕް އެވެ. މިއީ ރާއްޖޭގެ އީޖާދީ މަސައްކަތްތައް ބައިނަލްއަގުވާމީ މައިދާނުގައި ދައްކާލުމަށް ލިބިގެންދިޔަ މުހިންމު ފުރުސަތެކެވެ.
މި ފެސްޓިވަލަކީ މެދުއިރުމައްޗާއި އެ ސަރަހައްދުގެ ގައުމުތަކުގެ ސްޓާޓްއަޕްތަކާއި، އީޖާދީ މަސައްކަތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ބާއްވާ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ. މި ހަރަކާތުގައި އިންވެސްޓަރުންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކުގެ އިތުރުން ވިޔަފާރީގެ ދާއިރާ ކުރިއަރުވާ ފަރާތްތަކުން ބައިވެރިވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ މާކެޓްތަކުން ފުރުސަތު ހޯދައިދިނުމަކީވެސް މި ދަތުރުގެ މުހިންމު ބޭނުމެއް ކަމަށް ބީސީސީ އިން ފާހަގަކުރެއެވެ. މި ފެސްޓިވަލްގެ ތެރެއިން ކުރިއަށްދާ އެގްޒިބިޝަންތަކާއި ނެޓްވޯކިންގް ސެޝަންތަކުގެ އެހީގައި، ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމާއި އިންވެސްޓްމަންޓްތައް ހޯދުމުގެ ފުރުސަތުތައް ދިވެހި ވިޔަފާރިތަކަށް ފަހިވެގެންދާނެއެވެ.
ޝާރުޖާ އެންޓްރަޕްރިނިއަރޝިޕް ފެސްޓިވަލަކީ އެތައް ހާސް ބައިވެރިންނާއި އެތައް ސަތޭކަ ސްޓާޓްއަޕްތަކެއް ބައިވެރިވާ ހަރަކާތަކަށް ވާތީ، މިއީ ދިވެހި ކުންފުނިތަކަށް ސަރަހައްދީ ފެންވަރުގައި ކުރިއަށް ދިއުމަށް ލިބޭ ވަރަށް ފަހި ފުރުސަތެކެވެ.
ބީސީސީ އިން ބުނިގޮތުގައި މި ފެސްޓިވަލްގައި ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ ދިވެހި އީޖާދީ މަސައްކަތްތައް ސަރަހައްދީ ފެންވަރުގައި ދައްކާލުމާއި، އިސްތިރާތީޖީ ގުޅުންތައް ގާއިމުކުރުމެވެ. މިއީ ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށާއި، ޕްރައިވެޓް ސެކްޓަރުގެ ވާދަވެރިކަން އިތުރުކުރުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

