ވެމްކޯގެ ވެހިކަލެއް ހުއްޓުވައި އޭގައި އިން މީހަކަށް އަނިޔާކުރި މައްސަލައަކާ ގުޅިގެން، މީގެ ކުރިން މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ހިމެނޭ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މާރާމާރީގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. ގަން، ތުނޑި، ހަނދުވަރީހިޔާ އަހްމަދު ޝައްމޫން އެވެ. އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.
ފުލުހުން ޝައްމޫންގެ މައްޗަށް ކުރަނީ މާރާމާރީ ހިންގުމުގެ ތުހުމަތެވެ. މި ހާދިސާ ހިނގާފައިވަނީ ވެމްކޯގެ ވެހިކަލެއް ހުއްޓުވައި، އޭގައި އިން މީހަކަށް ހަމަލާދީ އަނިޔާކުރުމާ ގުޅިގެންނެވެ.
ކޯޓު ރެކޯޑްތަކުން ދައްކާ ގޮތުގައި އަހްމަދު ޝައްމޫންއަކީ މީގެ ކުރިން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ބޮޑު ދައުވާއެއް އުފުލާފައިވާ މީހެކެވެ. އެއީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ހަތަރު ގެއަކާއި، ސައިކަލަކާއި، ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައިފާސްކޮށް ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދި މައްސަލައެކެވެ.
މީގެ އިތުރުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި، އަތުގައި ބެހެއްޓުމާއި، އަދި އެފަދަ ތަކެތި ސިއްރުކުރުމުގެ ދައުވާވެސް ދައުލަތުން ވަނީ މީގެ ކުރިން ޝައްމޫންގެ މައްޗަށް އުފުލާފައެވެ. މި މާރާމާރީގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

