ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު މާދަމާއަށް ހަމަވާއިރު، އެ މުއްދަތު އިތުރުކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އަބްދުއްރަހުމާން ޞަލާޙު ރަޝީދު ވިދާޅުވީ، އިންތިޚާބަށް ކުރިމަތިލުމަށް ދީފައިވާ ވަގުތު އިތުރުކުރުމުގެ ވިސްނުމެއް ކޮމިޝަނުން ނުގެންގުޅޭ ކަމަށެވެ. މިއަހަރު ބާއްވާ މި އިންތިޚާބުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ފެބްރުވަރީ މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށެވެ.
ކެންޑިޑެސީ ފޯމު ހުށަހެޅުމަށް ދީފައިވާ ވަގުތު އިތުރު ނުކުރި ނަމަވެސް، ކޮންމެ ދުވަހަކު ފޯމު ބަލައިގަންނަ ވަގުތު މިހާރު ވަނީ އިތުރުކޮށްފައެވެ. އެގޮތުން ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 5:30 އަށް، އަދި ހުކުރު ދުވަހު މެންދުރުފަހު 3:30 އިން ރޭގަނޑު 8:00 އަށް ފޯމު ހުށަހެޅޭނެ ކަމަށް ކޮމިޝަނުން ބުނެއެވެ. ފޯމު ހުށަހެޅުމުގެ ހުރިހާ މަރުހަލާއެއް ކުރިއަށްދަނީ ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ޖުމްލަ 3,413 ފޯމު ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލްތަކަށް ހުށަހެޅި 1,865 ފޯމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހުށަހެޅި 1,548 ފޯމެވެ. މީގެ ތެރެއިން މިހާތަނަށް ކޮމިޝަނުން ބަލައިގެންފައިވަނީ 2,888 ފޯމެވެ.
ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން ވާދަކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ބައެއް ފޯމުތައް ބަލައިނުގަތުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ. ފޯމުތައް ބަލައިނުގަންނަ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކުށާއި ދަރަނީގެ ރެކޯޑު ފުރިހަމައަށް ހުށަނޭޅުމާއި، ކަރެކްޝަނަލް ސަރވިސްގެ ރެކޯޑުތައް މަދުވުން ހިމެނެއެވެ. އެހެންކަމުން ފޯމު ހުށަހަޅާއިރު މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 225 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ހިމެނެއެވެ.

