ތިލަފުށީގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ ސައިޓްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މުހިންމު މައުލޫމާތުތަކެއް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި އަމީން މިއާ މަރުވުމަށް މެދުވެރިވީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހިނގި ހާދިސާއެއްގައެވެ. އެގޮތުން އެކްސްކެވޭޓަރުގެ ދަތްގަނޑުން ޖެހި އަމީން މިއާ ވެއްޓުމަށްފަހު، އެކްސްކެވޭޓަރުން ކުނިތައް އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އޭނާގެ ހަށިގަނޑު ކުނިތަކާއެކު ބަދަލުކުރެވި، ގައިމައްޗަށް ކުނިތައް އެޅިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
“ތިލަފުށި ވެމްކޯ ސައިޓްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ އަމީން މިއާ ގެއްލިގެން ހޯދަމުންދަނިކޮށް ނިޔާވެފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަމީން މިއާ ނިޔާވުމަށް މެދުވެރިވެފައިވަނީ 2026 ޖެނުއަރީ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓި، އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ހިނގި ހާދިސާއެއްގައެވެ.” ފުލުހުން
ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާގެ ގައިގައި ޖެހުނު ނަމަވެސް، އެކަން ފާހަގަނުވެ ނުވަތަ އެކަމަށް ބެލުމެއް ނެތި މެދުކެނޑުމެއް ނެތި މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ފާހަގަކުރިއެވެ.
“ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.” ފުލުހުން
އަމީން ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ބުދަ ދުވަހު އެ ސައިޓުގައި ހުރި ކުނި ފުންޏެއްގެ ތެރެއިންނެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައިގެ ތަހުގީގު ވަރަށް ސީރިއަސްކޮށް ކުރިއަށްދާ ކަމަށާއި، ތަހުގީގަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން އިތުރު މައުލޫމާތު ހާމަކުރަމުންދާނެ ކަމަށެވެ.

