ތިލަފުށީ ވެމްކޯ ސައިޓުގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ މަރުވި ހާދިސާއާ ގުޅިގެން، އެ ވަގުތު އެކްސްކެވޭޓަރު އޮޕަރޭޓް ކުރަން އިން މީހާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ސްރީލަންކާ ފިރިހެނެކެވެ.
ފުލުހުންގެ ތަޙުޤީޤުން ހާމަވެފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. އަމީން މިއާ މަރުވީ ތިލަފުށީގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެކްސްކެވޭޓަރުގެ ދަތްގަނޑުން ޖެހި ވެއްޓުމުގެ ސަބަބުންނެވެ. އޭނާ ވެއްޓުމަށްފަހު، އެކްސްކެވޭޓަރުން ކުނިތައް އެހެން ތަނަކަށް ބަދަލުކުރި ވަގުތު އޭނާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި، އޭނާގެ ގައިމައްޗަށް ކުނިތައް އެޅިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާ ހިނގި ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާގެ ގައިގައި ޖެހުނު ނަމަވެސް، އެކްސްކެވޭޓަރު ދުއްވަން އިން މީހާ މަސައްކަތް މެދުކަނޑާނުލައި ކުރިއަށް ގެންގޮސްފައިވެއެވެ. މިއީ އިހުމާލުގެ ބޮޑު އަމަލެއްގެ ގޮތުގައި ފުލުހުން ދަނީ ބަލަމުންނެވެ.
އަމީން މިއާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހާދިސާ ހިނގިތާ ދެ ދުވަސް ފަހުންނެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އޭނާގެ ހަށިގަނޑު ފެނިފައިވަނީ ޖެނުއަރީ 28 ވަނަ ދުވަހު ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

