ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފް ލިބިވަޑައިގެންފައިވާ، އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރު.ސީ.އެމް)ގެ ފުރަތަމަ ރައީސް އަޙްމަދު ސަލީމް ލިޔުއްވި ‘އެޗް.އާރު.ސީ.އެމްގެ ހަނދާންތައް’ މި ފޮތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް މިއަދު ހަދިޔާކުރައްވައިފިއެވެ.
މި ފޮތް ރައީސަށް ހަދިޔާކުރެއްވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަނީ ހާއްސަ ބައްދަލުކުރެއްވުމެއް ބާއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ އެ ފޮތް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވާފައެވެ.
މި ފޮތަކީ އަޙްމަދު ސަލީމް އެޗް.އާރު.ސީ.އެމްގައި ހޭދަކުރެއްވި ފަސް އަހަރުގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ލިޔުއްވާފައިވާ ފޮތެކެވެ. މި ފޮތުގައި ރާއްޖޭގައި އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަން އުފެދިގެން އައި ގޮތާއި، ރާއްޖެ ޑިމޮކްރަސީއަށް ބަދަލުވަމުންދިޔަ ދުވަސްވަރު ހިނގާފައިވާ މުހިންމު ތާރީޚީ ކަންތައްތަކުގެ ތަފްޞީލު ހިމެނެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެދުނީ 2003 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ. އަޙްމަދު ސަލީމަކީ އެ ކޮމިޝަންގެ އެންމެ ފުރަތަމަ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އަދި 2008 ވަނަ އަހަރުގެ އައު ޤާނޫނުއަސާސީގެ ދަށުން އުފެދުނު މިނިވަން ކޮމިޝަންގެ ފުރަތަމަ ރައީސްގެ މަޤާމުވެސް ފުރުއްވީ އޭނާއެވެ.
މި ފޮތަކީ ރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ދާއިރާއާއި ދައުލަތުގެ މުއައްސަސާތައް ތަރައްޤީވެގެން އައި ގޮތް ދެނެގަތުމަށް ލިބޭ ވަރަށް މުހިންމު ތާރީޚީ މަޢުލޫމާތުތަކެއް އެކުލެވޭ މަޞްދަރެއްގެ ގޮތުގައި ބެލެވެއެވެ.

