ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ މެދުވެރިކޮށް ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ މަސައްކަތްތައް ނިންމައި، 2028 ވަނަ އަހަރުގެ މެދުތެރޭގައި އޭގެ ހައްގުވެރިންނާ ހަވާލުކުރާނެ ކަމަށް ބޭންކުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ހާމަކުރަައްވައިފިއެވެ. ޝަރީފް މިހެން ވިދާޅުވީ ދ. ކުޑަހުވަދޫ ބުރާންޗުގެ އައު އިމާރާތް ހުޅުުވައި ޚިދުމަތްދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި މަޝްރޫޢުގެ ދަށުން ޖުމުލަ 3,260 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ ވިލިމާލޭގައި ތަރައްޤީކުރާ 300 ޔުނިޓާއި، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ތަރައްޤީކުރާ 2,700 އަށްވުރެ ގިނަ ޔުނިޓެވެ. "ލީސް ޓު އޯން" މޮޑެލްގެ ދަށުން ހިންގާ މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް މިހާރު ވަނީ ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ފަށާފައެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރު ކުންފުނިތަކާއެވެ. އޭގެ ތެރޭގައި ރާއްޖޭގެ އަމީން ކޮންސްޓްރަކްޝަން، އެފްޑަބްލިއު ކޮންސްޓްރަކްޝަން އަދި އާރްސީސީ ހިމެނެއެވެ. ބޭރުގެ ކުންފުނިތަކުގެ ތެރޭގައި ޗައިނާގެ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕާއި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން ހިމެނޭކަން ބޭންކުން ފާހަގަކުރެއެވެ.
މި މަޝްރޫޢަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް (އައިއެންއޭއެޗް) ގެ ދަށުން، ޝަރީޢާ ހަމަތަކާ އެއްގޮތަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެމްޑީ ޝަރީފް ވިދާޅުވީ "ބޭންކުގެ ފައިދާ އިތުރުވުމަކީ ޤައުމީ ބޭންކުގެ ހައިސިއްޔަތުން ރައްޔިތުންގެ ބޯހިޔާވަހިކަން ފަދަ މުހިންމު ކަންކަމުގައި ބައިވެރިވުމަށް ލިބޭ ހިތްވަރެއް" ކަމަށެވެ.
އެމްއެމްއޭ އިން ކަނޑައަޅާފައިވާ ގަވާއިދުގެ ދަށުން، ރާއްޖޭގެ ކޮމަރޝަލް ބޭންކުތަކުން ދޫކުރާ ޖުމްލަ ލޯނު ޕޯޓްފޯލިއޯގެ %10 އާއި %15 އާ ދެމެދުގެ އަދަދެއް އެފޯޑަބަލް ހައުސިންއަށް ހާއްސަކުރަން ވަނީ ލާޒިމްކޮށްފައެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް މިއަހަރުގެ ޖަނަވަރީ މަހު ފަށާފައިވާއިރު، މިއީ ސަރުކާރުގެ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކަށް ބޭންކުން ފޯރުކޮށްދޭ އެހީތެރިކަމުގެ ބައެއްގެ ގޮތުގައިވެސް ބޭންކުން ސިފަކުރެއެވެ.

