މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ 82 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މި މަޝްރޫޢަކީ މާލޭގެ އެންމެ ބާރުބޮޑު އެއް ސަރަހައްދު ކަމަށްވާ މާރުކޭޓު ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫޢުގެ ދަށުން މިހާތަނަށް ގިނަ މަސައްކަތްތަކެއް ވަނީ ނިންމާލާފައެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި، ޝީޓް ޕައިލް ކުރުމާއި، ޕެނަލް ހަރުކުރުމުގެ އިތުރުން ފެން ހިންދާ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ ކޭޗްޕިޓްތަކާއި ކޭބަލް ޖަންކްޝަންތައް ހެދުން ހިމެނެއެވެ. މީގެ އިތުރުން ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ މަސައްކަތްތައް ވެސް މިހާރު ވަނީ މުޅިން ނިމިފައެވެ. އެމްޓީސީސީން ބުނި ގޮތުގައި އެއްގަމު ތޮށީގެ ކެޕިންގ ބީމްގެ އެންމެ ފަހުގެ ކޮންކްރީޓް މަސައްކަތްތައް މިއަދު ނިންމާލުމަށް ވަނީ ތާވަލުކުރެވިފައެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކަށް ބަލާއިރު، ކާބް ސްޓޯން ޖެހުމާއި، ސެޓްލްމަންޓް ޓޭންކްތަކުގެ މަސައްކަތުގެ އިތުރުން ފެން ހޮޅި އާއި ކޭބަލް އެޅުމަށް ބޭނުންވާ ކޮންކްރީޓް ޓްރެންޗްތަކުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މި ހަފުތާގެ ތެރޭގައި މަގުގެ ސަބް-ބޭސް އެޅުމުގެ މަސައްކަތާއި، ތާރު އެޅުމަށް ބޭނުންވާ ތައްޔާރީތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
މި މަޝްރޫޢުގެ ދަށުން ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައި، އެއްގަމު ތޮށި ހަ މީޓަރަށް ބޭރަށް ޖައްސައި މަގު ފުޅާކުރުމަށް ވަނީ ނިންމާފައެވެ. މުޅި މަޝްރޫޢުގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރާއިރު، ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ މި މަޝްރޫޢުގެ ސަބަބުން މާލޭގެ ވިޔަފާރި ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަކޮށް، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމުގައި އާންމުންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ. އެމްޓީސީސީން މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް ރޯދަމަހުގެ ކުރިން ދެވަނަ ފިޔަވަހީގެ މަސައްކަތްތައް އެއްކޮށް ނިންމައި، އާންމު ދަތުރުފަތުރަށް މަގު ހުޅުވާލުމަށެވެ.

