މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން، އެއާޕޯޓުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށާއި ފަންނީ މިންގަނޑުތައް ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސެކިއުރިޓީ އޮފިސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗް ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފިއެވެ.
ހުޅުމާލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ބޭއްވި މި އިފްތިތާހީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަދި ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހްމަދު ފަސީހެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ހެޑް އޮފް އެސްޓޭޓް ސެކިއުރިޓީ ސާވިސް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު ހަސަން އަޝީތުގެ އިތުރުން އެ ޑިޕާޓްމަންޓުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް އިން ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމަކީ މޯލްޑިވްސް ޕޮލިސް ސާވިސް އާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ފުރަތަމަ ބެޗުގައި އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީ ސާވިސް (އީއެސްއެސް) ގެ 28 އޮފިސަރުން ބައިވެރިވެއެވެ.
މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ އަމަލީ ތަމްރީނުތަކާއި ތިއަރީ ބައިތައް ހިމެނޭ ގޮތަށެވެ. އެގޮތުން ކިޔަވައިދެވޭ ބައިތަކުގެ ތެރޭގައި ގާނޫނީ އޮނިގަނޑުތަކާއި، ފަންނީ އަހުލާގާއި، ޕެޓްރޯލް ކުރުމުގެ އުކުޅުތަކުގެ އިތުރުން ހެކި ދެނެގަތުމާއި، އަމިއްލަ ނަފްސުގެ ދިފާއާއި، ޖިސްމާނީ ދުޅަހެޔޮކަން އަދި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުން ހިމެނެއެވެ.
މި ތަމްރީނުތަކުގެ މައިގަނޑު މަގްސަދަކީ އެއާޕޯޓުގެ އެކި ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓާ އޮފިސަރުންގެ ހުނަރާއި ގާބިލުކަން އިތުރުކޮށް، ބައިނަލްއަގުވާމީ މިންގަނޑުތަކަށް އެއާޕޯޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމެވެ.


