ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު، ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އެންޑް ގާލް ސުކައުޓްސް (WAGGGS) ގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރ ނިއުމަތު ޝަފީޤުއާ މިއަދު ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގޭކޮޅު، މުލީއާގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަންގެ އިސް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ރާއްޖޭގައި ގާލް ގައިޑް ހަރަކާތްތައް މިހާރު ކުރިއަށްދާ ގޮތާއި، ކުރިމަގުގައި މި ހަރަކާތް އިތުރަށް ފުޅާކޮށް ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންނެވެ. މީގެ އިތުރުން ކުދިންގެ ހުނަރާއި ގާބިލިއްޔަތު އިތުރުކުރުމަށް ރޭވިފައިވާ މަޝްރޫއުތަކާ ބެހޭގޮތުން ދެފަރާތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެއްވިއެވެ.
މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނަކީ 1948 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އަންހެން ކުދިންނާއި އަންހެނުން ބާރުވެރިކުރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ޖަމިއްޔާއެކެވެ. މި ހަރަކާތަކީ ރާއްޖޭގެ ތައުލީމީ ދާއިރާގައިވެސް ނުހަނު ބޮޑު ތަރުހީބެއް ލިބިފައިވާ ހަރަކާތެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރުވެސް ރާއްޖޭގެ 88 ސްކޫލަކުން 14,000 އަށްވުރެ ގިނަ ކުދިން މި ހަރަކާތުގައި އަމަލީގޮތުން ބައިވެރިވަމުންދެއެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ގާލް ގައިޑް ހަރަކާތް ބައިނަލްއަގުވާމީ ފެންވަރުގައި އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

