ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދަތިވާ ފަރާތްތަކަށް ފައިސާއިން ޒަކާތް ދެއްކުމުގެ އިންތިޒާމު ފަހިކޮށްދިނުމަށްޓަކައި “ފިޠުރު ޕޯޓަލް” ގެ ނަމުގައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ތަޢާރަފުކޮށްފިއެވެ.
މި ޕޯޓަލް ތަޢާރަފުކުރުމުގެ މައިގަނޑު މަޤްޞަދަކީ ރަށު ކައުންސިލުތަކާއި ޒަކާތު ހައުސް މެދުވެރިކޮށް ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް، މުޅި ރާއްޖޭގައި އެއް އުޞޫލަކުން އެ މަސައްކަތް ކުރިއަށް ގެންދިއުމެވެ. މީގެ ސަބަބުން ޒަކާތް ބަލައިގަތުމުގެ އިދާރީ މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ޒަކާތު ހައުސްއިން މަޢުލޫމާތު ދޭ ގޮތުގައި، މި ޕޯޓަލް މެދުވެރިކޮށް ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ ހުރިހާ މުޢާމަލާތްތަކެއް ވަގުތުން ބަލައިލުމުގެ ފުރުޞަތު އެ އިދާރާއަށް ލިބޭނެއެވެ. އަދި އޮންލައިން ޕްލެޓްފޯމްތަކާއި ނަގުދު ފައިސާ މެދުވެރިކޮށް ލިބޭ ފިޠުރު ޒަކާތުގެ ޞައްޙަ ޖުމްލަ ޢަދަދުތައް ކޮންމެ ދުވަހަކުވެސް ކަށަވަރުކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.
މިގޮތަށް ހުރިހާ މަޢުލޫމާތެއް އެއް ނިޒާމަކުން ވަގުތުން ބަލައިލެވުމުގެ ސަބަބުން، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވާ ގޮތަށް ރަމަޟާން މަސް ނިމޭ ތަނުން ލަސްނުކޮށް ޒަކާތް ބެހުމަށް މަގުފަހިވާނެއެވެ. ޚާއްޞަކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޒަކާތް ލިބުން ޙައްޤުވާ ފަރާތްތަކަށް އަވަސްކަމާއި ހަމަހަމަކަމާއެކު ޒަކާތް ފޯރުކޮށްދިނުމަކީ މި ޕޯޓަލްގެ ސަބަބުން ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ، “ފިޠުރު ޕޯޓަލް” އަކީ ޒަކާތުގެ ޚިދުމަތްތައް ދެފުށް ފެންނަ، ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މިއީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ޒަމާނީކޮށް، އާންމުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެ އިދާރާއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

