ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސްތަކުގެ ތެރެއިން މާލެ ސަރަހައްދުން މިހާތަނަށް 26,739 މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުޅި ރާއްޖޭގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްދާއިރު، މާލޭގައި ރޭގެ ނިޔަލަށް 26,739 މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށެވެ. އަދި މާލޭގައި މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކަށް މަސްދަޅު ކޭސްތައް ފޮނުވުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ. އަތޮޅުތަކުގެ ރަށްތަކުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ.
ރޯދަ ހަދިޔާ ބެހުމަށް އެކުލަވައިލި ގޭބިސީ ލިސްޓުގައިވާ ގޮތުން ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ އަދަދަކީ 56,918 އެވެ. އަދި ޑޮމެސްޓިކް މީޓަރުގެ އަދަދަކީ 61,755 އެވެ. މިއަހަރުގެ ރޯދަ ހަދިޔާ ބަހަން މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ފަށާފައިވާ އިރު، ޖުމުލަ 118,673 މަސްދަޅު ކޭސް ބެހިގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

