ރާއްޖޭގެ އިގްތިސާދީ މުހިންމު ތިން ދާއިރާއަކުން ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ އެޑްވައިޒަރީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ ދިވެހިރާއްޖޭގެ އިގްތިސާދުގައި ހިމެނޭ މައިގަނޑު ސިނާއަތްތައް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި “ޓޫރިޒަމް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ”، “ކޮންސްޓްރަކްޝަން ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ” އަދި “ފިޝަރީޒް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ” އެކުލަވާލުމަށް ނިންމާފައިވާ ކަމަށެވެ. މި ކޮމިޓީތަކުގެ މައިގަނޑު މަގްސަދަކީ އެ ދާއިރާތަކުގެ ކުރިއެރުމަށް ބޭނުންވާ ފަންނީ އިރުޝާދު ސަރުކާރަށް ފޯރުކޮށްދިނުމެވެ.
މި ކޮމިޓީތަކުގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ 16 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ހުޅުވާލާފައެވެ. މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
ކޮމިޓީތަކުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި އެ އޮފީހުގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށްވެސް ރައީސް އޮފީހުން ވަނީ މަޢުލޫމާތު ދީފައެވެ

