އދ. ދިއްދޫ އަދި އދ. މަންދޫ ކައުންސިލްގެ ރައީސްކަމުގެ ގޮނޑިތައް، އެއްވެސް އިންތިހާބަކާ ނުލައި ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ.
މި ދެ ރަށުގެ ކައުންސިލް ރައީސުންގެ އިތުރުން، ދިއްދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑިއާއި، ދެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތައް ވެސް ވަނީ ޕީއެންސީއަށް ކަށަވަރުވެފައެވެ. މި ގޮނޑިތައް އެ ޕާޓީއަށް ލިބުނީ އެހެން އެއްވެސް ފަރާތަކުން އެ މަގާމުތަކަށް ކުރިމަތިލާފައި ނުވާތީއެވެ.
މަންދޫ ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވެވަޑައިގަތީ މިހާރުވެސް އެ މަގާމުގައި ހުންނެވި މުހައްމަދު ސައީދެވެ. އަދި ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވެވަޑައިގަތީ މިހާރުގެ ކައުންސިލް މެންބަރު އަނީސް މުހައްމަދެވެ. މީގެ އިތުރުން މަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސަކަށް އައިޝަތު އިޝާމާ އިންތިހާބުވިއިރު، ދިއްދޫ ކައުންސިލްގެ އަންހެނުންގެ ގޮނޑިއަށް އިންތިހާބުވީ އުންމުހާނީ ހުސެއިނެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ޕީއެންސީންނެވެ. އެ ޕާޓީން 1،320 ކެންޑިޑޭޓުން ވާދަކުރާއިރު، ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ އިދިކޮޅު އެމްޑީޕީންނެވެ. ނަމަވެސް ބައެއް ދާއިރާތަކަށް އެމްޑީޕީން ކެންޑިޑޭޓުން ކުރިމަތިލާފައި ނުވާކަން ފާހަގަކުރެވެއެވެ. އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިހާރު ވަނީ ހަމަވެފައެވެ.

