ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް ބޮޑުކުރުމުގެ މަޝްރޫޢަށް ބޭނުންވާ ސާމާނު ހަމަކޮށް، އަމަލީ މަސައްކަތް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.
ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އެއަރޕޯޓުގެ ޖާގަ ދެގުނައަށް ބޮޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި މިދިޔަ ނޮވެމްބަރު މަހު ސޮއިކޮށްފައިވާއިރު، މިހާރު ވަނީ މަސައްކަތަށް ބޭނުންވާ ހެވީ ވެހިކަލްތަކާއި އެހެނިހެން ސާމާނުތައް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ހުރި ޓަރމިނަލާ އިންވެގެން 6,238 އަކަފޫޓުގެ ދެ ފަންގިފިލާގެ އައު އިމާރާތެއް ބިނާކުރާނެއެވެ. މިއާއެކު އެއަރޕޯޓުގެ ޓަރމިނަލްގެ ޖުމްލަ ޖާގަ 12,476 އަކަފޫޓަށް އިތުރުވެގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން އެއަރޕޯޓުގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެއެވެ. އެގޮތުން މިހާރު ހުރި އެރައިވަލް ހޯލާއި ބެގޭޖް ހޭންޑްލިންގް ބެލްޓް ބޮޑުކުރުމުގެ އިތުރުން، އައު އިމާރާތުގެ ފުރަތަމަ ފަނގިފިލާގައި 60 މީހުންގެ ޖާގައިގެ ލައުންޖެއް ޤާއިމްކުރެވޭނެއެވެ. އަދި ގްރައުންޑް ފްލޯގައި 4 ސީއައިޕީ ލައުންޖް ހެދުމަށް ވެސް ވަނީ ނިންމާފައެވެ.
ޤައުމީ އެއަރލައިން، މޯލްޑިވިއަން ހިންގާ ކުންފުނި އައިލޭންޑް އެވިއޭޝަން ސާވިސަސްއިން ހިންގަމުންދާ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގަމުން ދަނީ ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން އެންމެ ގިނަ ދަތުރުތައް ބާއްވާ އެއަރޕޯޓެވެ. ޚާއްޞަކޮށް ފަތުރުވެރިކަމުގެ ބާރު ބޮޑު ދުވަސްވަރު ދުވާލަކު 20 އާއި 25 އާ ދެމެދުގެ އަދަދަކަށް ދަތުރުތައް ކުރެއެވެ. ނޫނު އަތޮޅަކީ ގިނަ އަދަދެއްގެ ލަގްޒަރީ ރިސޯޓުތައް ހުންނަ އަތޮޅަކަށް ވުމުން، މި އެއަރޕޯޓަށް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓުތައް ވެސް ޖައްސައެވެ.
މާފަރު އެއަރޕޯޓް ހުޅުވާ ޚިދުމަތް ފެށީ 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

