ފުލުހުން ހިންގަމުންދާ “އޮޕަރޭޝަން އަލިމަގު” ގެ ދަށުން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު ދިވެހި ޒުވާނަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ.
ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ ގޭންގު ކްރައިމް ސަޕްރެޝަންއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެކެވެ. މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ލ. ހިތަދޫ / ހަފުލާ، ޢަލީ މުފާވިޒް (21އ) އެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މުފާވިޒް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. އޭނާ ހައްޔަރުކޮށް، މާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 614 ގުރާމްގެ ތަކެތި ފެނިފައިވެއެވެ. މީގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރިން ލިބިފައިވާ ކަމަށް ބެލެވޭ 125،000 އަށް ވުރެ ގިނަ ރުފިޔާ ވެސް އެ އެޕާޓްމަންޓުން ވަނީ ހޯދާފައެވެ.
މި މައްސަލައާ ގުޅިގެން ޢަލީ މުފާވިޒްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ރިއާޔަތްކޮށް ފަސްދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. އޮޕަރޭޝަން އަލިމަގަކީ މާލެއާއި އަތޮޅުތަކުގައި ކުށްކުރާ މިންވަރު މަދުކުރުމަށާއި މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަނެކެވެ.

