މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތަކަކީ ވަކިވަކި ފަރުދުންގެ އިތުރުން ރާއްޖޭގައި ހަރަކާތްތެރިވާ އަމިއްލަ ހައްޖު އުމްރާ ގުރޫޕްތަކުންވެސް ބަލައިގެންފައިވާ ނަމޫނާ ހިދުމަތްތަކެއް ކަމަށް އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލު ވިދާޅުވެއްޖެއެވެ. ޝަކީލު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ޝަކީލު ވިދާޅުވީ ކުންފުނީގެ ހިދުމަތުގެ ފެންވަރު ރަނގަޅުވުމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ވަރަށް ބޮޑަށް ލިބިފައިވާ ކަމަށެވެ. އެގޮތުން ނިމިދިޔަ ޑިސެމްބަރު މަހު އެކަނިވެސް 1,500 އަށްވުރެ ގިނަ އުމްރާވެރިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އުމްރާގެ ހިދުމަތް ދޭ ގިނަ ކުންފުނިތަކެއް ރާއްޖޭގައި ހުރި ނަމަވެސް، ގިނަ ބަޔަކު ހައްޖު ކޯޕަރޭޝަން ހިޔާރުކުރަނީ ހިދުމަތުގެ ފެންވަރުގެ ސަބަބުން ކަމަށް ޝަކީލު ވިދާޅުވިއެވެ.
ހައްޖު ކޯޕަރޭޝަނަކީ އައު ކަންކަން ތައާރަފުކުރާ ނަމޫނާ ކުންފުންޏަކަށް ހެދުމަށް މަސައްކަތް ކުރައްވާކަން ފާހަގަކުރައްވަމުން ޝަކީލު ވިދާޅުވީ، މައްކާ އާއި މަދީނާއާ ދެމެދު ޓްރެއިންގެ ހިދުމަތް ބޭނުންކުރަން ފެށުމުން އެހެން ގުރޫޕްތަކުންވެސް މިހާރު އެ ހިދުމަތް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އަދި ހިދުމަތުގެ އަގަށް ބަދަލެއް ނުގެނެސް ފެންވަރު ރަނގަޅު ކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް ރަމަޟާން މަހުގެ އުމްރާ ދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާތީ، އިތުރު ފްލައިޓުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝަކީލު ވިދާޅުވިއެވެ. މީގެއިތުރުން، ސަރުކާރުގެ އެހީގައި ހައްޖަށް ދާ ފަރާތްތަކާއި އަމިއްލައަށް ފައިސާ ދައްކައިގެން ހައްޖަށްދާ ފަރާތްތަކަށްވެސް ހިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ހައްޖާއި އުމްރާގެ އަޅުކަން ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވަމުން ޝަކީލު ވިދާޅުވީ، "އިސްލާމްދީން ނަގަހައްޓަވާ، ދަމަހައްޓަން އެމަނިކުފާނު ކުރައްވަމުން އަންނަ ބުރަ މަސައްކަތްޕުޅުގެ ތެރެއިން އިރުޝާދުފުޅާއެކު އެ ކޯޕަރޭޝަނުން ދިވެހިންނަށް މިހާރު ލިބެމުން އަންނަނީ ފެންވަރު ރަނގަޅު ހިދުމަތްތަކެއް" ކަމަށެވެ. އަދި 1447 ވަނަ އަހަރުގެ ހައްޖަށް ވާންޖެހޭ ތައްޔާރީތައްވެސް ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

