ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއެކު ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަނައިބު މިހެން ވިދާޅުވީ ދެ އިންތިޚާބު އެކުގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން މަޖިލީހުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދެ އިންތިޚާބު އެކުގައި ބޭއްވުމުން ރައްޔިތުންނަށް ގިނަ ފައިދާތަކެއް ހުރިކަން ފާހަގަކުރައްވައި، ބަންޑާރަނައިބު ވިދާޅުވީ މިފަދަ ވޯޓެއް ނެގުމަށް ޤާނޫނީ ހުރަހެއް ނެތް ކަމަށެވެ. އަދި ވަކިން ވޯޓު ނަގާނަމަ ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ހިނގާނެތީ، ޚަރަދު ކުޑަކުރުމުގެ ގޮތުން އެންމެ އައުލާވެގެންވަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ދިމާކޮށް މި ވޯޓު ކުރިއަށް ގެންދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.
ވެރިކަމާ ހަވާލުވާ ބޭފުޅަކު ޖަވާބުދާރީ ކުރުވުމަށް މަޖިލިސް އިންތިޚާބު ވަކިން ބާއްވަން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ބުނާ ވާހަކައަށް ރައްދު ދެއްވަމުން ބަންޑާރަނައިބު ވިދާޅުވީ، ހަ މަސް ދުވަހަކީ ވެރިއެއްގެ ޕަފޯމަންސް ވަޒަންކުރަން އެކަށީގެންވާ މުއްދަތެއް ނޫން ކަމަށެވެ. "ހަ މަސް ދުވަހަކީ ވެރިއެއްގެ މަސައްކަތް ވަޒަންކުރަން އެކަށީގެންވާ ވަގުތެއް ނޫން" އުޝާމް ވިދާޅުވިއެވެ.
މީގެ އިތުރުން، ޤާނޫނުއަސާސީ އެކުލަވާލިއިރުވެސް ދެ އިންތިޚާބު ދުރުކުރުމުގެ ޚާއްޞަ ވިސްނުމެއް ގެންގުޅެފައި ނުވާކަން ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ. މި އިސްލާހުގެ މަގްސަދަކީ އިންތިޚާބުތަކަށް ކުރާ ހޭދަ ކުޑަކޮށް، އިދާރީ ގޮތުން އަންނަ ތަކުލީފުތައް ނައްތާލުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

