މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިންތިޒާމުކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ “ވީއައިއޭ ބްލަޑް ޑޮނޭޝަން ކޭމްޕް 2026” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ހަރަކާތަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިއަށްދިޔަ މި ކޭމްޕުގައި އެމްއޭސީއެލްގެ މުވައްޒަފުންގެ އިތުރުން، އެއާޕޯޓުގައި މަސައްކަތްކުރާ އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމަށް އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބަކާއި އެއްބާރުލުމެއް ލިބިފައިވާކަން އެމްއޭސީއެލް އިން ފާހަގަކުރެއެވެ.
މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އާ ގުޅިގެން ކުރިއަށްގެންދިޔަ މި ކޭމްޕުގެ މައިގަނޑު މަގުސަދަކީ ލޭ ލިބުން ދަތިވެ އެމްބީއެސް އިން އާންމުންގެ އެހީތެރިކަމަށް އެދިފައިވާ ދަނޑިވަޅެއްގައި އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި ހާއްސަކޮށް ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާ ދިމާކޮށް ލޭ ލިބުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަކީ ވެސް މި ކޭމްޕުގެ ބޭނުމެކެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި، ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކޮންމެ އަހަރަކު ވެސް ލޭ ހަދިޔާކުރުމުގެ މިފަދަ ހަރަކާތްތައް އެ ކުންފުނިން އަންނަނީ ބާއްވަމުންނެވެ. މިއީ ބަލިމީހުންނަށް ބޭނުންވާ ލޭ ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަށް ލުޔެއް ހޯދައިދިނުމަށް އެ ކުންފުނިން ދޭ އިސްކަމުގެ ހެއްކެކެވެ.

