ދަރިވަރުންގެ ކިބައިގައި އަޚްލާޤީ ރީތި ސިފަތަކާއި އާދަތައް އަށަގަންނުވައި، ދީނީ ކަންކަމަށް ލޯބިޖެއްސުމުގެ މަޤްޞަދުގައި ތަޢުލީމީ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ “ބިންގާ” ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ރަސްމީކޮށް ފަށައިފިއެވެ.
ތަޢުލީމީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ޕްރޮގްރާމަކީ ތަފާތު ތީމްތަކަކަށް ބަހާލައިގެން، މުޅި އަހަރު ދުވަހަށް ދެމިގެންދާގޮތަށް ރޭވިފައިވާ ޚާއްޞަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ސްކޫލްތަކާއި، ބެލެނިވެރިން އަދި މުޅި މުޖުތަމަޢުގެ ބައިވެރިވުމާއެކު، ދަރިވަރުންނަކީ އަޚްލާޤީ ގޮތުން ފުރިހަމަ އަދި ނަމޫނާ ބަޔަކަށް ހެދުން ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މި ޕްރޮގްރާމްގެ ސަބަބުން ދަރިވަރުންގެ ދީނީ އަދި އަޚްލާޤީ އަސާސްތައް ވަރުގަދަކޮށް، ހަރުދަނާ އުޞޫލުތަކެއްގެ މަތީގައި ދަރިވަރުން ތަރުބިއްޔަތު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ތަޢުލީމީ ވުޒާރާއިން ބުނެއެވެ. އެގޮތުން ފަރުޟު ފަސް ނަމާދަށް ބާރުއެޅުމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި، ޒިންމާދާރުވުން ފަދަ މަތިވެރި ސިފަތައް އަށަގެންނެވުމަށްޓަކައި، ކޮންމެ މަހަކުވެސް ވަކި ޚާއްޞަ ތީމްތަކެއްގެ ދަށުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
ސްކޫލްތަކުގެ އިސްވެރިންގެ ސީދާ ބެއްލެވުމުގެ ދަށުން ހިންގާ މި ޕްރޮގްރާމްގައި، ކޮންމެ މަހަކު ބާއްވާ ޚާއްޞަ އެސެމްބްލީތަކުގެ ޒަރިއްޔާއިން، ކަނޑައެޅޭ މައުޟޫޢުތަކަށް ދަރިވަރުންގެ މެދުގައި މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ފަހިކޮށްދެވޭނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ. މި ޕްރޮގްރާމަކީ ދަރިވަރުންގެ ޝަޚްޞިއްޔަތު ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ތަޢުލީމީ ދާއިރާއިން ސިފަކުރެއެވެ.

