މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛު ކުރަމުންދިޔަ ގައިދީއަކު، އައިޖީއެމްއެޗް ގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު މަރު ވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ދަފްތަރު ނަންބަރު 439، އިބްރާހިމް ސުޙެއިލް (53އ) އެވެ. ކަރެކްޝަންސް އިން މަޢުލޫމާތު ދީފައިވާ ގޮތުގައި އޭނާ މަރުވީ މިއަދު ހެނދުނު 9:05 ހާއިރުއެވެ.
ކަރެކްޝަންސް އިން ބުނީ އިބްރާހިމް ސުޙެއިލްގެ ސިއްޙީ ހާލަތު ދެރަވުމާ ގުޅިގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތާ މިހާރު ހަފްތާއެއް ވެފައިވާ ކަމަށެވެ. އޭނާ ނިޔާވީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް “ނިއުމޯނިއާ” ޖެހިގެން ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.
އިތުރު ތަފްސީލް ދެމުން ކަރެކްޝަންސް އިން ބުނެފައިވަނީ، އިބްރާހިމް ސުޙެއިލް އަކީ 2025 ވަނަ އަހަރު ސްޓްރޯކެއް ޖެހި، އެކަމަށް ފަރުވާ ހޯދަމުން އައި މީހެއް ކަމަށެވެ.
މި މަރުގެ މައްސަލައާ ގުޅިގެން ކަރެކްޝަންސް އިން ވަނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި، އޭނާގެ ޢާއިލާއަށާއި، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ވަގުތުން އެކަން އަންގާފައެވެ.

