ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ޗައިނާގެ އިތުރު ސިޓީއަކަށް ދަތުރުތައް ފަށައިފިއެވެ. މިއީ މޯލްޑިވިއަން އިން ދަތުރުތައް ފެށި ޗައިނާގެ ހަތަރު ވަނަ ސިޓީއެވެ. މި ފަހަރު އަލަށް ދަތުރުތައް ފަށާފައިވަނީ ޗައިނާގެ ޝިއާން ސިޓީއަށެވެ.
މޯލްޑިވިއަން އިން ޝިއާން ސިޓީއަށް ކުރި ފުރަތަމަ ދަތުރުގައި ބޭނުންކޮށްފައިވަނީ އޭ320 މަރުކާގެ ބޯޓެކެވެ. މި ދަތުރުގައި ބޯޓު ވަނީ ތައިލެންޑްގެ ބެންކޮކްގައި ޓްރާންސިޓް ކޮށްފައެވެ. މި ފްލައިޓުން ރާއްޖެ އައި ފަތުރުވެރިންނަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ދިވެހިވަންތަ ހޫނު މަރުހަބާއެއް ކިޔާފައެވެ.
މޯލްޑިވިއަން އިން މީގެ ކުރިން ޗައިނާގެ ތިން ސިޓީއަކަށް ދަތުރު ކުރަމުންދެއެވެ. އެއީ ޗައިނާގެ ވެރިރަށް ބެއިޖިން، ޝަންހާއީ އަދި ޗެންޑޫ އެވެ. މީގެ އިތުރުން މޯލްޑިވިއަން އިން ދަނީ ޗައިނާގެ ބައެއް ސިޓީތަކަށް ސީޒަނަލް ދަތުރުތައް ވެސް ކުރަމުންނެވެ. ގައުމީ އެއާލައިނުން ޗައިނާގެ އިތުރުން މެލޭޝިއާ އަދި އިންޑިއާގެ ދެ ސިޓީއަކަށް ވެސް ދަތުރުތައް ބާއްވައެވެ.
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓް، އޭ330 ގެ ދަތުރުތައް ޗައިނާއަށް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅުގައެވެ. މި ބޯޓުގެ އިތުރުން އޭ320 މަރުކާގެ ބޯޓުތައް ވެސް ޗައިނާގެ މަންޒިލްތަކަށް ދަތުރުކުރުމުގައި ބޭނުންކުރެއެވެ.
https://twitter.com/MaldivianAero/status/2018278522339635608/history
ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މާކެޓެކެވެ. މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެއީ ޖުމްލަ 329,428 ފަތުރުވެރިންނެވެ. މިއަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެގެ ނިޔަލަށް ޗައިނާއިން 24,575 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެ ގައުމު މިހާރު އޮތީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ދެވަނައިގައެވެ.

