ގދ. ފިޔޯރީގައި ގާއިމުކުރާ މަސް ފެކްޓަރީ އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަދު ފެށިގެންދިޔައިރު، މި މަޝްރޫޢުގެ ޙައްޤު ޝުކުރު އަދާކުރަންޖެހޭ އެއްބޭފުޅަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
މިއަދު ފިޔޯރީގައި ބޭއްވި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މަޝްރޫޢުގެ މަޝްވަރާތައް އެކި މަރުހަލާތަކުގައި ކުރިއަށްދިޔައިރު ރައީސް މުޢިއްޒު އެކަމުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އަދި މަސްވެރިންނަށް މިކަމުގެ މުހިއްމުކަން އޮތް މިންވަރު ދެނެގަނެ، އެމަނިކުފާނު މި މަޝްރޫޢު ރިޔާސީ ވައުދެއްގެ ގޮތުގައި ހިމެނުއްވީ ކަންކަން ދިރާސާކުރައްވައި ހައްލު ހޯއްދަވައިދެއްވުމަށް އިސްކަންދެއްވާތީ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އެވާހަކަތައް އޭރުގެ ބާރުމިނުގައި ގެންދިޔައިރު އަޅުގަނޑުމެންގެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އެ ޓޭބަލްތަކުގައި އިންނެވި. އެމަނިކުފާނު އެވާހަކަތައް އަޑުއައްސަވަމުން ގެންދެވި. އަޅުގަނޑުމެންގެ ސައްލާތައް ރައްޔިތުންގެ މަޖިލީހާ ހަމައަށް ގެންދިއުމަށްޓަކައި އަޅުގަނޑުމެންގެ ޕާޓީ ލީޑަރޝިޕް ތެރޭގައި މަޝްވަރާކުރަމުން ދިޔައިރު އެމަނިކުފާނު އެތަނުގައި އިންނަވަމުން ގެންދެވި،" ނައިބު ރައީސް
ނައިބު ރައީސް އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒު ކަންކަން ކުރައްވަނީ ވަގުތު ނެންގެވި ނަމަވެސް ރައްޔިތުންނަށް އެންމެ ފައިދާހުރި އަދި ހަގީގީ މަންފާ ލިބޭނެ ގޮތަށް ކަމަށެވެ. އަދި މަސްވެރިންގެ ކަންބޮޑުވުންތައް ސަރުކާރުން އަބަދުވެސް އަޑުއަހާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
މި މަޝްރޫޢުގެ ދަށުން 6.5 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސެން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢަކީ ފިޔޯރީގެ ތަރައްގީއަށާއި މަސްވެރިކަމުގެ ދާއިރާއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ގދ. ފިޔޯރީއަކީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް ކުރިން ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރެއްވި ފަރެސްމާތޮޑާ ދާއިރާގައި ހިމެނޭ ރަށެކެވެ.

