ގދ. ފިޔޯރީގައި ދަޅުގައި މަސް ބަންދުކުރާ ކާރުހާނާއެއް އެޅުމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ހަސަން މުހައްމަދު ލަތީފް މިއަދު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ. މި މަޝްރޫއަކީ އެ ރަށުގެ އިގްތިސާދީ ކުރިއެރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފެކްޓަރީ އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަސައްކަތެވެ. ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު ފެކްޓަރީ އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްތައް ވަގުތުން ފެށިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، “މި މަޝްރޫއުގެ ސަބަބުން ފިޔޯރީގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ” ކަމަށެވެ. އަދި މިހާރު ރަށުގައި ވަޒީފާގެ ފުރުސަތުތައް މަދުވެފައި އޮތް ނަމަވެސް، މި ފެކްޓަރީއާއެކު ފިޔޯރީ ވެގެންދާނީ ސަރަހައްދީ ފެންވަރުގައި އެންމެ ގިނަ ވަޒީފާ އުފެދޭނެ އެއް ރަށަށް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި މަޝްރޫއުގެ ސަބަބުން މާލެއަށް ހިޖުރަކޮށްފައިވާ އާއިލާތައް އެނބުރި ރަށަށް އައުމަށް މަގުފަހިވާނެ ކަމަށާއި، އަދި އެހެން ރަށްރަށުގެ މީހުންވެސް ވަޒީފާގެ ބޭނުމުގައި ފިޔޯރީއަށް ހިޖުރަކުރާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ. މި ފެކްޓަރީން އުފައްދާ މަހުގެ ބާވަތްތަކާއެކު ގައުމުގެ ޖުމްލަ އިގްތިސާދަށް ފިޔޯރީގެ ހިއްސާ ބޮޑުވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

