ކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރުތައް ތަރައްޤީކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި، އިޖުތިމާއީ އަދި އާއިލީ ތަރައްގިއާ ބެހޭ ވުޒާރާއާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ޚާއްޞަ ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފިއެވެ.
މި ތަމްރީނުތަކަކީ ފޮޓޯގްރަފީ އަދި އާޓް ސްކިލްސްގެ ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯސްތަކެއްކަމަށް އެ ވުޒާރާއިން މައުލުމާތުދެއެވެ.
ވުޒާރާއިން ބުނީ މި ކޯސްތަކުގައި ކިޔަވައިދިނުމާއި ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ އެންމެހައި ކަންކަން ބައްޓަންކޮށްފައިވަނީ، ބައިވެރިންގެ ޚާއްޞަ ބޭނުންތަކަށް ރިޢާޔަތްކޮށް، އެފަރާތްތަކަށް އެންމެ ފަސޭހަވާނެފަދަ އިންތިޒާމުތަކަކާ އެކުގައިކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން ކުރިއަށްދާ ފޮޓޯގްރަފީ ކުލާސްތަކުގައި، ކެމެރާއާއި ފޮޓޯގްރަފީގެ ސާމާނު ބޭނުންކުރާނެ ގޮތުގެ އަމަލީ ތަމްރީނާއި، ފޮޓޯ އެޑިޓްކުރުމުގެ ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދޭނެއެވެ.
ހަމައެއާއެކު، އާޓް ސްކިލްސް ކޯހުގެ ބައިވެރިންނަށް ކުރެހުމުގެ ފަންނާއި، ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން އުފެއްދުންތެރި މަސައްކަތްތައް ކުރުމުގެ ތަމްރީނު ލިބިގެންދާނެއެވެ. މި ތަމްރީނުތަކުގެ މައިގަނޑު އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތެރިކަން އިތުރުކޮށް، ފަންނީ ހުނަރުވެރިކަން ތަރައްގީކުރުންކަމަށް ވުޒާރާއިން ބުނެއެވެ.
ޖުމްލަ 22 ފަރާތަކާއިއެކު ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (MQA) ގަބޫލުކުރާ ލެވެލް ތިނެއްގެ ސެޓިފިކެޓެއް ލިބިގެންދާނެއެވެ.

