ޖަޕާނު ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ސީ އެމްބިއުލައިންސް ހަދިޔާކޮށްފިއެވެ. މި އެހީއަކީ ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ޖަޕާނުން ވެދިން މުހިންމު އެހީއެކެވެ.
މިކަމަށްޓަކައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޖަޕާނު ސަރުކާރުގެ ފަރާތުން މި އުޅަނދުތައް ހަދިޔާކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ ދިފާއީ ވަޒީރު ޣައްސާން މައުމޫންނެވެ.
ދިފާއީ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ސީ އެމްބިއުލައިންސްތަކަކީ ޖަޕާން ސަރުކާރުގެ “ގްރޭންޓް އެއިޑް ފޯ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމެންޓް” ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި އުޅަނދުތަކެކެވެ. މި އުޅަނދުތަކުގެ ސަބަބުން ކަނޑުމަގުން ބަލިމީހުން އުފުލުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، އަވަސް ފަރުވާ ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ޖަޕާނަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ. އެ ގައުމުން އަންނަނީ އެކި ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން މެދުނުކެނޑި ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް އަމާޒުކޮށްގެން ގިނަ މަޝްރޫއުތަކެއް ހިލޭ އެހީގެ ދަށުން ޖަޕާނުން ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ.

