މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ދަރިވަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ހަރުދަނާކުރުމަށްޓަކައި “ކުރި” (ހަޔަރ އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމެއް) ރަސްމީކޮށް އިފްތިތާޙު ކޮށްފިއެވެ. މި ނިޒާމު އިފްތިތާޙުކޮށްދެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދެވެ.
މި ނިޒާމަކީ ދަރިވަރުންނަށް ދިމާވާ މާލީ ގޮންޖެހުންތަކާއި، ސްކޮލަރޝިޕްތަކާއި ލޯނުތަކާ ގުޅޭ ކަންކަން ނިންމުމުގައި ކުރިން ހުރި ލަސްތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެކުލަވާލާފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިންނަށް ޚިދުމަތް ހޯދުމުގައި ކުރިމަތިވާ ތަކުލީފުތައް ކުޑަވެ، ކިޔެވުމަށް އެޅޭ ހުރަސްތަކަށް ނިމުމެއް އަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
“ކުރި” ނިޒާމަކީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްދާ “މޯލްޑިވްސް 2.0” މަޝްރޫޢުގެ މުހިންމު ބައެކެވެ. މި ނިޒާމުގެ ސަބަބުން ވުޒާރާގެ ހިންގުން ހަރުދަނާވެ، ޚިދުމަތްތަކުގެ ދުވެލި އަވަސްވެ، މަސައްކަތްތަކުގައި ޖެހޭ އިންސާނީ ކުށްތައް (human errors) ވަރަށް ބޮޑަށް މަދުވެގެންދާނެއެވެ.
ވަޒީރު ޑރ. ޢަލީ ޙައިދަރު ފާހަގަކުރެއްވި ގޮތުގައި، މީގެކުރިން ސްކޮލަރޝިޕާއި ލޯނު ދޫކުރުމުގެ ނިޒާމުގައި ހުރި ބަލިކަށިކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ބުރުއަރައި، ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވެއެވެ. ނަމަވެސް އައު ނިޒާމާއެކު ލިޔެކިޔުންތައް ފުރިހަމަކުރުމާއި ފައިސާ ދޫކުރުމުގެ ކަންކަން އަވަސްވެ، ދަރިވަރުންނަށް އެމީހުންގެ ފައިސާގެ މުއާމަލާތްތައް ހުރި ހިސާބު ވަގުތުން ބަލާލެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
މި ނިޒާމަކީ މަތީ ތަޢުލީމީ ދާއިރާގެ ހިންގުން ޒިންމާދާރުކުރުމަށާއި، ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ޚިދުމަތްދޭ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އިދާރީ ނުވަތަ މާލީ ސަބަބަކާ ހުރެ އެއްވެސް ދަރިވަރަކަށް ތައުލީމީ ފުރުސަތެއް ގެއްލިގެން ނުދާނެކަން ކަށަވަރުކުރުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

