އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި، ދައުވާލިބޭ އޭނާގެ ފިރިމީހާ މާވިން ވާގަސްގެ ދިފާއުގައި ހެކިބަސް ދޭން ހުށަހެޅި މީހުން ކޯޓަށް ހާޒިރުނުވުމުން، އެ މީހުންގެ ހެކިބަހާ ނުލައި މައްސަލަ ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ. މި ނިންމުމާއެކު މި މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުހަލާ މިހާރު ވަނީ ނިންމާލާފައެވެ.
މޭރީގެ މަރުގެ މައްސަލައިގައި މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެވެ. މި މައްސަލައިގައި މާވިންގެ އިތުރުން، އޭނާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިވެހި ނަރުސް ހަލީމަތު ލަމްހާގެ މައްޗަށް ވެސް ވަނީ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައެވެ. ދެ މީހުންގެ ޝަރީއަތް ކޯޓުން ކުރިއަށް ގެންދަނީ ވަކިވަކިންނެވެ.
މާވިންގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ރާއްޖޭގައި އުޅޭ ފިލިޕީންސްގެ ފަސް މީހަކު ހުށަހެޅި ނަމަވެސް، ކޯޓަށް ހާޒިރުވެ ހެކިބަސް ދީފައިވަނީ އެންމެ މީހެކެވެ. ބާކީ ތިބި ހަތަރު މީހުން ހާޒިރުކުރަން ކޯޓުން ދެވަނަ ފުރުސަތެއް ދިން ނަމަވެސް، އެ މީހުން ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި މާވިންގެ މަންމަ އެ މީހުން ހާޒިރުކުރަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެ މީހުން ފޯނަށް ޖަވާބެއް ނުދެއެވެ.
މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން ދިޔަ މޭރީ ގްރޭސް މަރާލާފައިވަނީ 19 އޮކްޓޫބަރު 2021 ގައެވެ. ތަހުގީގުން ހާމަވެފައިވާ ގޮތުގައި އޭނާ މަރާލާފައިވަނީ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްލައިގެންނެވެ.
މި މައްސަލައިގައި މާވިން އާއި ލަމްހާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ، ދެ މީހުންނަށް ވެސް މަދުވެގެން 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. ހެކިބަސް ނެގުން ނިމުމަކަށް އައުމާއެކު، ދެން އޮންނާނީ މައްސަލައިގެ ހުލާސާ ބަޔާން އިއްވުމެވެ.

